މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި

ދައުލަތުގެ އެއް މުއައްސަސާއަކުން ރާއްޖޭގެ ހުރިހާ މީޑިއާތައް ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި ހުށަހެޅި ބިލް މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.


އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލް މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 28 މެމްބަރުން ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.

ބިލުގައި ބުނެފައިވަނީ މީޑިއާ ކޮމިޝަންގެ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

އާ ބިލުގެ ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވި، މޯލްޑިވްސް މީޑިއާ ކޮމިޝަން ނަމުގައި މުއައްސަސާއެއް އުފެދޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އެހެންވެ، މީޑިއާގެ ހުރިހާ ކަމެއް ބަލަހައްޓަން އޮތީ އެ ކޮމިޝަނުންނެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީޑިއާ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސެކެވެ. އެތަން އެކުލަވާލައި ގޮތަށް އޮތީ ހަތް މެމްބަރުންގެ މައްޗަށެވެ.

މިހާރު އަމަލުކުރާ ގޮތުން ނަމަ، ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް، ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތަކީ މީޑިއާ ކައުންސިލް އެވެ. އެ ދެ މުއައްސަސާ ވެސް ހިންގަނީ ވަކި ގާނޫނެއްގެ ދަށުންނެވެ.

ޓީވީ އާއި ރޭޑިއޯގެ ބެލެނިވެރިއެއްގެ ގޮތުގައި މިހާރު އުފަައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުގައި ވެސް ތިއްބަވަނީ ހަތް މެމްބަރުންނެވެ. އެ ކޮމިޝަނަށް މެމްބަރުން ކަނޑައަޅަނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުންނެވެ.

އެކަމަކު މީޑިއާ ކައުންސިލް އެއަށް ވުރެ މާ މިނިވަނެވެ. އެ ކައުންސިލް ބިނާވަނީ 15 މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން އަށް މެމްބަރުންނަކީ މީޑިއާތައް ތަމްސީލްކުރާ މީހުންނެވެ. އަނެއް ހަތް މެމްބަރުންނަކީ އާންމުންނެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާއަކުންނެވެ. އެހެންކަމުން މިއީ ސަރުކާރުގެ އަޑު އިއްވުމަށް ވުރެ މީޑިއާތަކުގެ ބާރު އޮންނަ ކައުންސިލެކެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިން އަމަލުކުރަންވީ ހަމަތަކާއި ސުލޫކީ މިންގަނޑު މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ބެލެހެއްޓުމެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާ ބެހޭ ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފް ކުރުމަށާއި އެންމެހައި ކަންކަން މިނިވަން އެއް އިދާރާއަކުން ބެލެހެއްޓުމާ ބެހޭ ނިޒާމެއް ތައާރަފް ކުރުމަކީ ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން، ރާއްޖޭގެ ބޭންކިން އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް ބޭރުކޮށްލައިފަ އެވެ. އެ ބިލް ބޭރުކޮށްލުމަށް 43 މެމްބަރުން ވޯޓު ދެއްވިއިރު، ބަލައިގަތުމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.