މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް ލިބޭ

ދައުލަތުގެ އެއް މުއައްސަސާއަކުން ރާއްޖޭގެ ހުރިހާ މީޑިއާތައް ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުގައި މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ދީފި އެވެ.


ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުގައި މީޑިއާ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސެކެވެ.

މީޑިއާ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުން އަމަލުކުރަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ނޫސް މަޖައްލާތައް ގާނޫނާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމާއި މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ނޫސްވެރިން އަމަލުކުރަނީ ގާނޫނާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ނޫސްވެރިންތަކެއް ބޭއްވި މުޒާހަރާއެއް. - ފޮޓޯ: މިހާރު

ގާނޫނާ ހިލާފު ކަމެއް ފެނިއްޖެނަމަ، އެ ކޮމިޝަނުން ތަހުގީގު ކުރަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ކޮންމެ މީހަކަށް ވެސް އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި އެއްވެސް މައުލޫމާތެއް ހޯދުމަށް ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އިދާރާގައި ކޮމިޝަނުން އެދިއްޖެ ނަމަ، އެދުނު ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާ އެ މައުލޫމާތެއް ކޮމިޝަނަށް ދޭން ވާނެ އެވެ.

ކޮމިޝަނުން ބަލާ މައްސަލަތަކުގައި އަމަލު ކުރަންވީ އުސޫލުގެ ގޮތުގައި ބިލުގައި ވަނީ ތަހުގީގެއް ރައްދުވާ ފަރާތަކަށް އެކަމުގެ ނޯޓިސް ލިޔުމުން ދިނުމާއި ސުލްހަވެރިކަމާ އެކު ހައްލު ކުރެވޭ މައްސަލައެއް ނަމަ، މީޑިއާއެއްގެ އެޑިޓަރަށް އެކަން އަންގައި ހައްލު ކުރަން މަސައްކަތް ކުރުން ހިމެނެ އެވެ. އަދި ދެ ފަރާތަށް ޖަވާބުދާރީވުމަށް ވެސް އެކަށީގެންވާ ވަގުތެއް ދޭން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މީޑިއާއާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ބިލުގައި ކޮމިޝަނަށް ވަނީ ދީފަ އެވެ. އެގޮތުން މައްސަލަތައް ބެލުމަށް މީހުން ކޮމިޝަނަށް ހާޒިރު ކުރުމާއި އާންމުކޮށް ހުޅުވާ ނުލައި މައްސަލަތައް ބެލުމާއި ކޮމިޝަންގެ މެމްބަރަކަށް އެކަނި މައްސަލަ ބެލުމުގެ ބާރާއި ހެކި ހޯދުމުގެ ބާރު އޮތީ ދީފަ އެވެ.

ބިލުގައި ބުނީ ކޮމިޝަނުން މައްސަލައެއް ބަލަން ފަށާތާ މަހެއް ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމަންވާނެ ކަމަށެވެ. ނަމަވެސް މައްސަލައެއް ބަލައި ގޮތެއް ނިންމަން ވާނީ ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބްރޯޑްކާސްޓަރުންނަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ކަމެއް ރަނގަޅު ކުރަން އެންގުމާއި އިންޒާރެއް އާންމުކޮށް ޝާއިއުކުރުމާއި ކުށުގެ އިސްލާހެއް އާންމުކޮށް، ބަޔާން ނެރުމަށް އެންގުމާއި ލިބުނު އާމްދަނީގެ ދެ ޕަސަންޓަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމާއި ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން އެންގުމާއި ފުލުހުން މެދުވެރިކޮށް ވަކި ކޮންޓެންްޓްތަކެއް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމާއި ތަކުރާރުކޮށް ގާނޫނާއި ގަވައިދާ ހިލާފުވާ ނަމަ، ލައިސަންސް ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތިން ލައިސަންސް ބާތިލް ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ބްރޯޑްކާސްޓަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. އަދި ނޫސް، މަޖައްލާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ ހޯމް މިނިސްޓްރީއަށާއި މީޑިއާ ކައުންސިލަށެވެ. މި ބިލު ފާސްވެ، ގާނޫނަކަށްވެއްޖެ ނަމަ، މީޑީއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ.

ނޫސް، މަޖައްލާތަކަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ކަމެއް ރަނގަޅު ކުރަން އެންގުމާއި އިންޒާރު އާންމުކޮށް ޝާއިއުކުރުމާއި ކުށުގެ އިސްލާހެއް އާންމުކޮށް، ބަޔާން ނެރުމާއި ތަކުރާރުކޮށް ގާނޫނާއި ގަވައިދާ ހިލާފުވާ ނަމަ، 10،000ރ. އާއި 100،000ރ. އިން ޖޫރިމަނާ ކުރުމާއި އިސްލާހު ކުރަން ޖެހޭ ކަންކަން ކުރަންދެން، ނުވަތަ މައްސަލަ ބަލައި ނިމެންދެން އެ ތަނެއް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އެންގުން ހިމެނެ އެވެ.

ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިިސްލާމް ދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ، އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ފުލުހުން މެދުވެރިކޮށް އެ ކޮންޓެންޓެއް ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުމަށް ކޮމިޝަނަށް އެންގޭނެ ކަމަށް ބިލުގައިވެ އެވެ.

ހަމައެއާއެކު، ނޫހަކުން ނުވަތަ އަމިއްލަ މަޖައްލާއަކުން ތަކުރާރުކޮށް ގާނޫނާއި ގަވާއިދު ހިލާފުވަމުން ދާނަމަ، އެ ފަރާތުގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތިން ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ވެސް މީޑިއާ ކޮމިޝަނަށް ވަނީ ދީފަ އެވެ.

ބިލުގައި ބުނީ މީޑިއާ އާއި މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ނޫސްވެރިން އަމަލު ކުރުމަށް ސުލޫކީ މިންގަނޑެއް ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި ކޮމިޝަނުން ޝާއިއު ކުރަން ޖެހޭނެ ކަމަށެވެ. ކޮމިޝަނުން ބަލާ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތައް އެކުލަވާލައި ބިލުގެ ދަށުން ހަދާ ގަވާއިދުގައި ކޮމިޝަނުން ޝާއިއު ކުރަންވާނެ ކަމަށް ބިލުގައިވެ އެވެ.

ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ނޫސްވެރިން ހިލާފުވެއްޖެ ނަމަ، ގާނޫނާ ހިލާފަށް ކުރި ކަމެއް ރަނގަޅު ކުރަން އެންގުމާއި މުއްދަތުގެ ތެރޭގައި އެކަމެއް އިސްލާހު ނުކޮށްފިނަމަ، 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަންވާނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނީ މީޑިއާއަކާއި ނުވަތަ ނޫސްވެރިއަކާ މެދު ނިންމާ ނިންމުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން ލިބިފައިވާ ނަމަ، އެ ނިންމުމެއް ނިންމާތާ ހަމަސް ދުވަހުގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް ދިނުމަށް އެދި ކޯޓަށް ހުށަހަޅަން ވާނެ ކަމަށެވެ. ބިލުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފެށުމާއެކު، ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްގައި ނުނިމިވާ މައްސަލަތައް ބަލާނީ މީޑިއާ ކޮމިޝަނުންނެވެ.

މި ބިލު ފާސްވެ، ގާނޫނަކަށްވުމާ އެކު، އެއްވެސް ވަސީލަތެއް މެދުވެރިކޮށް ރާއްޖޭގެ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަން ވާނީ ކޮމިޝަންގައި ރަޖިސްޓްރީ ކުރުމަށް ފަހު އެވެ. މީގެ ކުރިން ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓްރީ ކުރާނަމަ، ހުށަހަޅަން ޖެހޭނީ ހޯމް މިނިސްޓްރީއަށެވެ. އެ ބިލަށް އަމަލުކުރަން ފެށުމުގެ ކުރިން ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ނޫސް މަޖައްލާތައް ބަލާނީ މި ބިލުގެ މަގްސަދަށްޓަކައި ރަޖިސްޓްރީ ކުރެވިފައިވާ ނޫސް މަޖައްލާތައް ކަމުގަ އެވެ.

ބިލުގައި ބުނީ ރާއްޖޭގައި ނޫސްވެރިކަން ކުރާ މީހުންނާއި އެޑިޓަރުކަން ކުރާ މީހުންގެ ދަފްތަރެއް ކޮމިޝަނުން ބަލަހައްޓަން ވާނެ ކަމަށެވެ. އަދި އެ ނޫސްވެރިންނަކީ ރަސްމީ ހައިސިއްޔަތުން ރާއްޖޭގައި ނޫސްވެރިކަން ކުރާ މީހުން ކަމުގައި ބެލެވޭނެ ކަމަށް ވެސް މީޑިއާ ކޮމިޝަންގެ ބިލުގައި ބުނެފައިވެ އެވެ. ދަފްތަރުގައި ހިމެނޭ ނޫސްވެރިންނަށް ކޮމިޝަނުން ނޫސްވެރިއެއްކަން އަންގައިދޭ ފާހެއް ދޫކުރަން ވާނެ އެވެ.

ނޫސްވެރިކަމުގެ މިނިވަން ކަން ކުރިއެރުވުމުގެ ބޭނުމުގައި ހުށަހެޅި ބިލުގައިވަނީ މީޑިއާ އާއި ނޫސްވެރިން ހުށަހަޅާ މައްސަލަތައް ބަލާނެ އުސޫލު ބިލުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެ ކަމަށެވެ.