ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.


އެ ކޮމިޓީން ބަލަމުން އަންނަނީ ކޮމިޝަންގެ މެމްބަރުންނާ ގުޅުން ހުރި މައްސަލަތަކެކެވެ. އެ ކޮމިޓީގެ ޒިންމާ އަކީ އެ މައްސަލަތައް ބެލުމަށް ފަހު، އެ މެމްބަރުން މަގާމުތަކުން ވަކިކުރަން ފެންނަ ނަމަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މައްސަލަ ފޮނުވުމެވެ.

އެގޮތުން، ސަބް ކޮމިޓީ އަށް އެންމެ ފުރަތަމަ ވަޑައިގަތީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބެވެ. ކޮމިޓީން މައްސަލަތައް ބަލަމުން އަންނަނީ މެމްބަރުން ވަކިން ހާޒިރުކޮށްގެންނެވެ. އެކަމަކު، ސަބް ކޮމިޓީން ބަލަމުން އަންނަ މައްސަލަތަކުގެ މާ ބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.

ބްރޯޑްކޮމްގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ، މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހަސަން ނަބާހާއި ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ވަނީ މަޖިލިހުން މައްސަލަ ބަލަން ފެށުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.

ކުރީގެ ސަރުކާރުގެ ނުފޫޒާ އެކު ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގައި އިސްކޮށް އުޅުއްވީ ބައެއް މެމްބަރުން ކަމަށް ކަމަށް ތުހުމަތު ކުރެ އެވެ. އަދި ބައެއް މައްސަލަތައް ކޮމިޝަނުން ނިންމީ އިންސާފުން ނޫން ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އަދި ސަންގު ޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ.

ބްރޯޑްކޮމްގެ މެމްބަރުން ހާޒިރު ކުރި ކޮމިޓީ ސިއްރު ކުރި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ވީ ވަރަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދާނެ ކަމަށެވެ. އެކަމަކު، އަމިއްލަ ފަރުދުންގެ ޒާތީ މައުލޫމާތުތަކުގެ އިތުރުން ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތައް ވެސް ރައްކާކުރެވެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.