ބްރޯޑްކޮމް އިން ޒައިނާ ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މި ނިންމުމާ އެކު، އެ ކޮމިޝަންގެ މެމްބަރުކަމުން ޒައިނާ ވަކިވީ އެވެ.


މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނިންމުމާ އެގޮތަށް، ޒައިނާ މެމްބަރު ކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޒައިނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުން ޒައިނާ ވަކި ކުރަން ކޮމިޓީން ނިންމީ، އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު އެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް ވެސް މަގާމުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި އެވެ.

އެކަމަކު، އެ މައްސަލަ މަޖިލިހުގެ ތަޅުމުގައި އެޖެންޑާ ކުރުމާ އެކު، ޝަހީބު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ކޮމިޝަނުން ޝަހީބު ވަކިކުރަން ވޯޓަކަށް ނާހަ އެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ މިނިވަން މުއައްސަސާއެއްގައި ހުންނަވާ ބޭފުޅަކު ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވި ނަމަވެސް، އެއީ އެބޭފުޅަކު ގާނޫނާ ހިލާފަށް ކުރެއްވި ކަންކަމުން އެއްކިބާވުމަށް ލިބޭ ފުރުސަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ އެބޭފުޅުން ކޮށްފައިވާ ކަންތައްތައް ބެލޭނެ އިންތިޒާމެއް، ގަވައިދެއް ނޫނީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެބަޖެހޭ އެކަން ކުރަން،" ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން މީޑިއާތަކާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރައްވައި ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އާންމުންގެ "ލޮލަށް ފެންނަ ގޮތަށް" ޝަހީބް ގާނޫނާއި ގަވައިދާ ހިލާފަށް ކުރެއްވި ކަންކަން ބަލަން އެބަޖެހޭ ކަމަށެވެ. ހަމަ އެގޮތަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްތިއުފާ ދެއްވި މެމްބަރުންގެ މައްސަލަތައް ވެސް ބަލަން ޖެހޭ ކަމަށް ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރެއްވި ބޭފުޅުން އަމަލު ކުރެއްވީ "ގަދަ ބަސް" ބުނެ، ހަވާލު ކުރި މަސްއޫލިއްޔާތަކާއި ޒިންމާތަކާއި ހިލާފަށެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރީ އޭޕްރީލް 5، 2016 ގަ އެވެ.

ޝަހީބު މީޑިއާގެ ދާއިރާއާ ގުޅިވަޑައިގެންފައިވަނީ 1989 ގައި، "ހަވީރު" ނޫހުންނެވެ. އަދި އެ ނޫހުން ވަކިވެވަޑައިގެން ސަންއެފްއެމް ރޭޑިއޯއެއް ހިންގެވި އެވެ. ނޫސްވެރިކަމުގައި 21 އަހަރު އުޅުއްވި ޝަހީބު ވަނީ އެ ދާއިރާ އިން އެކި އެވޯޑުތައް ވެސް ހާސިލް ކުރައްވައިފަ އެވެ. އޭގެ ފަހުން، ޝަހީބު ވަނީ ނޫސްވެރިކަމުގެ އެކިއެކި ކޯސްތައް ވެސް ހިންގަވައިފަ އެވެ.

ބްރޯޑްކާސްޓިން ދާއިރާއާ 2007 ވަނަ އަހަރު ގުޅިވަޑައިގެންނެވި ޒައިނާ އެންމެ ފުރަތަމަ އަދާ ކުރެއްވީ ވީޓީވީގެ ވީޑިއޯ ޖާނަލިސްޓެއްގެ މަގާމެވެ. އޭގެ ފަހުން ޗެނަލް 13 ގައި މަސައްކަތް ކުރެއްވި އެވެ. އެ ސްޓޭޝަންގައި އަދާކުރެއްވީ ސީނިއާ އެޑިޓަރުގެ މަގާމެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް "އަސުރުމާ ޔަގީން" މަޖައްލާގެ އެޑިޓަރުކަން ކުރެއްވި އެވެ.

ބްރޯޑްކޮމްގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހަސަން ނަބާހާއި ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ވަނީ މަޖިލިހުން މައްސަލަ ބަލަން ފެށުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.

ޔާމީންގެ ސަރުކާރުގެ ނުފޫޒާ އެކު، ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުން ބައެއް މައްސަލަތައް ނިންމީ އިންސާފުން ނޫން ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އަދި ސަންގު ޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ.