ގޯހެއް ހެއްދެވުުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އާ ރައީސް މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ހަފުލާއެއް ހުށަހަޅުއްވައި ދެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަރީގެ އެ އަމަލު އޭނާ ވަރަށް ބޮޑަށް ދިފާއު ކުރައްވައިފި އެވެ.


މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އަމިއްލަ ނަފުސު ވަރަށް ބޮޑަށް ދިފާއު ކުރެއްވި ނަމަވެސް، ސިޔާސީ ހަފުލާއެއް ދެން ހުށަނާޅުއްވާނެ ކަމުގެ ޔަގީންކަން މަރީ ދެއްވި އެވެ. އެކަމަކު، އަމިއްލަ ފަރާތްތަކުގެ ހަފުލާތައް އަދިވެސް ހުށަހަޅުއްވާނެ ކަމަށް، މަޝްހޫރު ޕްރެޒެންޓަރު އަދި އެ ފީލްޑްގައި އެތައް ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯއްދަވާފައިވާ މަރީ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް އެއްވެސް ސިޔާސީ އިންވޯލްވްމެންްޓެއް އަދި ސަރުކާރުގެ އެއްވެސް ކަމަކު ވެސް ދެން ތިޔަ ބޭފުޅުންނަކަށް ނުއެއް ފެންނާނެ. އެކަމަކު ބައެއް ފަހަރަށް އަޅުގަނޑު ޕްރައިވެޓް ޖަލްސާތައް ހުށަހަޅާތަން ފެނިދާނެ،" ބްރޯޑްކޮމްގެ ރައީސްކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު ފަހެއްގައި އައްޔަން ކުރެއްވި މަރީ ވިދާޅުވި އެވެ.

މަރީ، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީ އަށް ހާޒިރުކުރީ މިނިވަން މުއައްސަސާއެއްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައި، ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހަފްލާއެއް ދާދި ފަހުން ހުށަހެޅުއްވި މައްސަލައިގަ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފްލާ ހުށަހަޅުއްވައި ދެއްވަމުން ސަރުކާރަށް ތައުރީފްކޮށް ވާހަކަ ދެއްކެވި ކަމަށް ބުނެ މަރީގެ މިނިވަންކަމާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހަފްލާގައި މަރީ ވަނީ، މިނިސްޓަރު އަލީ ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް، އެ ހަފްލާގައި ދެއްކެވި ވާހަކަ އަށް ތައުރީފް ކުރައްވައިފަ އެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް އެއްވެސް ސިޔާސީ އިންވޯލްވްމެންްޓެއް އަދި ސަރުކާރުގެ އެއްވެސް ކަމަކު ވެސް ދެން ތިޔަ ބޭފުޅުންނަކަށް ނުއެއް ފެންނާނެ. އެކަމަކު ބައެއް ފަހަރަށް އަޅުގަނޑު ޕްރައިވެޓް ޖަލްސާތައް ހުށަހަޅާތަން ފެނިދާނެ،" މަރީ

މި މައްސަލައިގައި މަޖިލީހުގެ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކާ ގުޅިގެން މަރީ ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންނަކީ އެހެން ވަޒީފާއެއް އަދާކުރާ ބަޔަަކަށް ވެގެން ނުވާނެ ކަމަށް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ އުސޫލުގެ ތެރެއަށް، އޭނާ ކުރައްވާ އަމިއްލަ މަސައްކަތް ކަމަށްވާ ޖަލްސާތަކާއި ހަފުލާތައް ހުށަހަޅައި ދެއްވުން ނުފެތޭ ކަމަށެވެ.

މަރީ އަށް ފާޑުކިއުން އަމާޒުވި ޖަލްސާގައި އޭނާ ކުރެއްވި މަސައްކަތް މިއަދުގެ ބައްދަލުވުމުގައި ވެސް ތަކުރާރުކޮށް ދިފާއު ކުރެއްވި އެވެ. ވިދާޅުވީ އެ ޖަލްސާގައި ވަކި އަތަކަށް ޖެހިފައި ވެސްް ނުވާނެ ކަމަށާއި ސިޔާސީ ބަސްތަކެއް ބޭނުން ކުރައްވާފައި ވެސް ނުވާނެ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު ނަސީމަށް، މަރީ ތައުރީފު ކުރެއްވި ކަމަށް ނޫސްތަކުގައި ލިޔެފައިވާ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި މަރީ ވިދާޅުވި ގޮތުގައި، ނަސީމަށް ޝުކުރު އަދާކުރެއްވީ، އެއީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީގެ ކަމަށް ވާތީ އެވެ.

މިނިސްޓަރު އަލީ ވަހީދުގެ ނަޒަރުގައި މަރީ ގަވައިދާ ޚިލާފެއް ނުވޭ

މަރީ ލައްވައި، ޓޫރިޒަމް މިނިސްޓްރީގެ ހަފުލާ ހުށަހެޅުއްވި މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ އެކަން ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ އެއީ ގަވައިދާ ޚިލާފަށް މަރީ ކުރެއްވި ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ނޭދެން އަޅުގަނޑުމެންގެ ޖަލްސާއެއް ބާއްވައިގެން މީހަކަށް ގެއްލުމެއް ވާކަށް. މަރިޔަމް ވަހީދާ ގަވާއިދާ ހިލާފު ނުވި ނަމަވެސް އަޅުގަނޑުމެންގެ ގިނަ ރައްޔިުންގެ ވިސްނުން ހުރީ ކޮމިޝަންތަކުގައި ތިބޭ މީހުން އެފަދަ ކަންކަން ނުކުރަން ކަމަށް ވެއްޖެއްޔާ ނުކުރުން އެންމެ ރަނގަޅުވާނީ،" އަލީ ވަހީދު ކުރިން ވިދާޅުވެފައި ވެ އެވެ.

މަރީގެ އަމަލުގެ ނަތީޖާ އަކީ ބްރޯޑްކޮމްގެ ގަވައިދު އިސްލާހުކޮށް، ފުރުސަތު ބަންދުކުރުން

މަރީގެ މައްސަލައިގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރުން ކުރެއްވި މަޝްވަރާތަކަށް ފަހު، ނިންމީ ބްރޯޑްކޮމްގެ އެއްވެސް މެމްބަރަކު ކޮމިޝަންގެ މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ބްރޯޑްކޮމްގެ ގަވާއިދުގައި ލިޔަން އެ ކޮމިޝަނަށް ކޮމިޓީން ސިޓީއެއް ފޮނުވުމަށެވެ.

ބްރޯޑްކާސްޓް ކުރާ ޖަލްސާތަކާއި ހަފުލާތަކާއި ބްރޯޑްކޮމްގެ މެމްބަރުން ބައިވެރިވެވަޑައިތުމާ ގުޅޭ ގޮތުން، ބްރޯޑްކޮމްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކުރަން ޖެހޭ ކަންކަން ފަށަން ވެސް ކޮމިޓީން މިއަދު ނިންމި އެވެ.