ބްރޯޑްކޮމް އަށް އަލީ ޔޫސުފް، ގައިސް އަދި މަރިޔަމް ވަހީދާގެ ނަން މަޖިލިހުން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ރާއްޖެ ޓީވީ އާއި "ހަވީރު" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފާއި އަހުމަދު ގައިސް އަދި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.


ބްރޯޑްކޮމްގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި މެމްބަރު އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ ވަނީ މަޖިލިހުން ވަކިކޮށްފަ އެވެ.

ސޮފްވާނާއި ނަބާހް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 36 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި އަލީ ޔޫސުފާއި ގައިސް ވެސް ހިމެނެ އެވެ. ޝަހީބާއި ޒައިނާގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމުތަކަށް މެމްބަރު ހޯދަން އިއުލާން ކުރީ ވަކިވަކިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފުރަތަމަ ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމާއި ގ. ޑޭޒީފަހި، މުހައްމަދު ހިލްމީގެ ނަމެވެ. އޭގެ ފަހަތުގައި އޮތީ ގައިސް އަލީ ޔޫސުފްގެ ނަމެވެ. އެ ނަންތައް ދިރާސާ ކުރުމަށް ފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވީ އަލީ ޔޫސުފާއި ޝިފްލާ އާއި ގައިސް ހިމެނޭ ގޮތަށް 12 ނަމެކެވެ. އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ގައިސް އާއި އަލީ ޔޫސުފްގެ ނަމަށް ރުހުން ދީފަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ނޫސްވެރިކަމުގައި 18 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ އަލީ ޔޫސުފް ބްރޯޑްކޮމް އަށް އައްޔަން ކުރަން ފާސްކުރީ 64 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ މެމްބަރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

އަލީ ޔޫސުފަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބޯޑު މެމްބަރުކަމާއި "ހަވީރު"ގެ އެސިސްޓެންޓް އެޑިޓަރުކަން ވެސް އޭނާ ކޮށްފައި ވެ އެވެ. އަދި ނޫސްވެރިކަމުގެ ތަމްތީނުތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުން އޭނާ ވަނީ ފުރިހަމަ ކޮށްފަ އެވެ. އަލީ ޔޫސުފް އެންމެ ފަހުން ހުރީ ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރުގެ މަގާމުގަ އެވެ.

ގދ. ތިނަދޫ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ގައިސް ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލިހުން ފާސް ކުރީ 66 މެމްބަރުންގެ އިއްތިފާގުންނެވެ. މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވާފައިވާ ގައިސް އަކީ ގދ. އަތޮޅު ކައުންސިލަށް ވެސް އިންތިހާބުވި ބޭފުޅެކެވެ. އޭނާ މިހާތަނަށް މީޑިއާގެ ދާއިރާގައި އުޅުއްވި ކަމެއް ނޭނގެ އެވެ.

ތިން ވަނަ ނަމަކަށް ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލިހުން ފާސް ކުރީ ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާގެ ނަމެވެ. އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވެސް 66 މެމްބަރުންގެ އިއްތިފާގުންނެވެ. މަރިޔަމް ވަހީދާ އެ މަގާމަށް އައްޔަން ކުރީ ޝަހީބުގެ މަގާމު ހުސްވުމާ ގުޅިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވި ތަރުތީބުން ލިސްޓުގެ ކުރީގައި އޮތީ ވެސް މަރިޔަމް ވަހީދާ އެވެ.

މަރިޔަމް ވަހީދާ ވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. ރާއްޖޭގައި ހުންނަވާ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގެ ވެސް މެމްބަރެކެވެ. މަރިޔަމް ވަހީދާ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހެޅުއްވި އެވެ.

ޒައިނާގެ ބަދަލުގައި ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެކަމަކު، އެއްވެސް މީހެއްގެ ނަން ތަޅުމަށް ފޮނުވުމަށް ކޮމިޓީއަކަށް ނުފެނުނު އެވެ. ކޮމިޓީން ނިންމީ އެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށް އަލުން ފުރުސަތު ހުޅުވާލަން ފެންނަ ކަމަށެވެ. ކޮމިޓީގެ ނިންމުން މަޖިލިހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.

ބްރޯޑްކޮމްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެހެންވެ، އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.