ވާނުވާ ނޭނގޭ ބަޔަކަށް ވެރިކަން ދޫކޮށްލެވޭކަށް ނެތް: އަބްދުއްރަހީމް

ޕީޕީއެމްއާ ވާދަކުރާ މީހުންނަށް ދައްކާނެ މަންޒަރެއް ނެތް ކަމަށާއި "ވާނުވާ ނޭނގޭ" ބައެއްގެ އަތް މައްޗަށް ވެރިކަން ދޫކޮށްލެވެން ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.


ރިޔާސީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އިސްނަންގަވައިގެން ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއާ ވާދަކުރާ މީހުންގެ އަތުގައި ވިއްކާނެ އެއްޗެއް ނެތް ކަމަށެވެ. އަދި އެ މީހުންނަށް ކުރެވޭނެ ކަމަކީ ދޮގުހަދައި އޮޅުވާލުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ވާދަކުރާ މީހުންނަށް ވިއްކާނެ އެއްޗެއް ނެތް. ދައްކާނެ މަންޒަރެއް ނެތް. ކިޔާނެ ލަވައެއް ނެތް. ޖަހާނެ ބެރެއް ނެތް. މިއީ ހަގީގަތް. އޮތިއްޔާ އޮތީ ދޮގުވެރިކަން، ހީލަތްތެރިކަން، މަކަރުވެރިކަން، އޮޅުވާލުން. މި ނޫން އެއްޗެއް އެމީހުން އަތުގައި ނެތް. މި ވިއްކައިގެން އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ،" ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ހަފްލާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ތަޖުރިބާކޮށްލަން ދޫކޮށްލެވޭ ހާލަތެއްގައެއް ނޫނެވެ. ރައީސް ޔާމީނަށް އިޝާރަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ތަޖުރިބާކާރެއްގެ ހިދުމަތް ދިވެހިން މިހާރު ތިބީ ތަޖުރިބާކޮށްގެން ކަމަށެވެ. އަދި ދިވެހިން މިއަދު ބޭނުންވަނީ ކުރިއަށް ދާން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދުމަށްޓަކައި ތަޖުރިބާ އާއި ހިންގުންތެރިކަމާއި ގާބިލްކަމެއް ނެތް ބައެއްގެ އަތަށް ވެރިކަން ދޫކޮށްލެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ވެރިކަން ކުރާ ޕީޕީއެމުން، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ކުރިމަތިލަނީ ވަރަށް ފޮނި އުންމީދަކާއި ބޮޑު ޔަގީންކަމާއެކު، އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔައި، އަބްދުއްރަހީމް ވިދާޅުވީ ވާދަވެރިން މަސައްކަތް ކުރަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ފުރުސަތު ހޯދައިދޭށެވެ. އަދި އެމީހުން ވަކާލާތު ކުރަމުން ދަނީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވެގެން އަޅުގަނޑުމެން މި ދަންނަވަނީ އެކަންކަމާ ދެކޮޅަށޭ އަޅުގަނޑުމެން ނިކުމެ މިތިބީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ދިނުމަކީ ދީނީ ގޮތުން ވާޖިބު ކަމެކެވެ. ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަން ޖެހެނީ ރާއްޖެ އަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދީ އިސްލާމް ދީން އަބަދުގެ އަބަދަށް ބާއްވަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.