އިދިކޮޅު މެމްބަރުން އިހްތިޖާޖުގައި، ޖަލްސާއަށް 13 މިނިޓު!

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ތަޅުމުގައި އިހްތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް، ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމި ރިޕޯޓު މިއަދު ފާސްކޮށްފި އެވެ.


މަޖިލީހުގެ އެޖެންޑާގައި ހަމައެކަނި އޮތީ ކިގާލީ އެމެންޑްމަންޓް ތަސްދީގު ކުރަން ފެނޭތޯ ވޯޓަށް އެހުމެވެ.

ގާތްގަނޑަކަށް 13 މިނެޓަށް ދިގު ދެމިގެން ދިޔަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ މި ހަފްތާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަސައްކަތް ފަށާނެކަން އިއުލާން ކުރައްވައިފަ އެވެ.

އޯޒޯން ފަށަލަ ހިމާޔަތްކުރަން 1986 ގައި އެކުލަވާލި މުއާހަދާއަށް އިތުރުކުރި އިސްލާހު ރާއްޖެ އިން ތަސްދީގު ކުރުމާ މެދު މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވި މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ 28 މެމްބަރުންގެ އިއްތިފާގުންނެވެ.

ކިގާލީ އެމެންޑްމަންޓް ތަސްދީގު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ މަހުގެ ވަނީ ނިންމައިފަ އެވެ.

ކިގާލީ އެމެންޑްމަންޓަކީ ޖައްވު ހޫނުވުމަށް މެދުވެރިވާ ގޭހެއް ކަމަށްވާ އެޗްސީއެފްސީ ގޭސް މަދުކޮށް، ކޮންޓްރޯލް ކުރުމަށް ގެނައި އިސްލާހެކެވެ. ކިގާލީ އިސްލާހުގެ ދަށުން 2019 އިން ފެށިގެން އެޗްސީއެފްސީ މާއްދާތައް މަދުކުރަން މަސައްކަތް ފަށަން ޖެހެ އެވެ.

މީގެ ކުރިން ބޭއްވި ޖަލްސާތަކެކޭ އެއްގޮތަށް އިދިކޮޅު މެމްބަރުން މިއަދު ވެސް ވަނީ މަސީހުގެ ރިޔާސަތުގައި މަޖިލިސް ކުރިއަށް ގެންދަން ދެކޮޅުހަދައި އަޑުގަދަކުރައްވައިފަ އެވެ.

މިއީ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ކަންކަން ވޭތުވެދިޔަ ތިން ޖަލްސާގައި ހިނގަމުން ދަނިކޮށް، އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރެއްވި ފަހުން، މެމްބަރުން އިހްތިޖާޖްތައް ފެއްޓެވި ފުރަތަމަ ފަހަރެވެ.

އެގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ 10 މެމްބަރަކު އިދާރީ މޭޒު ކުރިމަތީގައި ހުންނަ "ލަކުޑި ބޮޑު ފާރު" ކައިރީގައި ތިއްބަވައިގެން މަސީހްއާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. ނަމަވެސް މަސީހު ވަނީ ޖަލްސާ ހުއްޓަވައި ނުލައްވައި ކުރިއަށް ގެންގޮސް ނިންމާލައްވައިފަ އެވެ.

ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލު ކުރަންވާނީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފަ އެވެ.