ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ބުރާސްފަތީގައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ޓަކައި އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު ވަނީ ޖަލްސާއެއް ބާއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

ނަމަވެސް މަޖިލީހުގެ ރައީސް މެމްބަރުންނަށް ރޭ ފޮނުއްވި މެސެޖެއްގައި ވަނީ އަންނަ ބުރާސްފަތީގައި ޖަލްސާ އޮންނާނެ ކަމަށާއި އެޖެންޑާ ފަހުން ހާމަކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދުވަހު އޮންނާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވުން އެކަންޏެވެ. ބުރާސްފަތި ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަމުން ނުދެ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ ކިހާ ވަރެއްގެ ބަޖެޓެއްކަން އަދި ސާފެއް ނުވެ އެވެ. އަދި އެއީ ކިހާ ވަރެއްގެ ބަޖެޓެއް ކަމެއް ފިނޭންސް މިނިސްޓްރީން ވެސް ހާމައެއް ނުކުރި އެވެ.

މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އަދި 2016 އަށް މަޖިލީހުން ފާސްކޮށްދިނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.

ފަހު ދައުރުގައި މައިގަނޑު ކަމެއްގެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް އެކަންޏެވެ. އެއީ މި މަސް ނިމުމާއެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެތީ އޭގެ ކުރިން ބަޖެޓާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެތީ އެވެ.