ކުޅުދުއްފުށީ އެއާޕޯޓު އަޅަނީ ގެއްލުން ކުޑަވާނެ ގޮތަކަށް: ނަޝީދު

ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަނީ ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ބަލައި، ގިނަ ދިރާސާތަކެއް ކޮށްފައި ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމްޓީސީސީން އަލަށް ގެނައި ކޮންނަ ބޯޓު، މަހާ ޖައްރާފު އިފްތިތާހު ކުރުމަށާއި ކުޅުދުއްފުށީގެ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކުން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވަން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެއާޕޯޓު އެޅުމަށް ދެކޮޅުހަދާ ބަޔަކު އެ ރަށުގައި ނޫޅޭ ކަމަށެވެ. އެކަމަކު، އެ ރަށަށް ނާންނަ ބަޔަކު އެއާޕޯޓު އެޅުމާ ދެކޮޅަށް ވާހަކަ ދައްކަފާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ މުހިންމު ރަށެއްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި އެ ރަށަކީ މުޅި އުތުރުގެ މައި ނާރެހެވެ. އެގޮތުން ހުރިހާ ވިޔަފާރިއަކާއި ތައުލީމާއި ސިއްހަތާއި ދަތުރުފަތުރު މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކުޅުދުއްފުއްޓާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ ރަސްމިއްޔާތު-- ފޮޓޯ: އެމްޓީސީސީ

"ރީޖަނަލް ހޮސްޕިޓަލް ރަށުގައި (ކުޅުދުއްފުށީގައި) ހުންނާތީ ސިއްހީ ފަރުވާ ލިބޭ ކަމަށް ހީވެފައި އޮތީ. އެކަމަކު، އިގްތިސާދީ ފަށަލަތަކަށް ވިސްނާފައެއް ނުވޭ،" ޕީޕީއެމްގެ މެމްބަރު ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނު މައްސަލާގައި ސަރުކާރުގެ ވިސްނުމާ ހިޔާލު ތަފާތުވި ނަޝީދު ވިދާޅުވީ ސިއްހީ ފަރުވާ ހޯދުމަށް އެ ރަށަށް ޒިޔާރަތް ކުރާ މީހުންގެ ސަބަބުން ފިހާރަތަކާއި ސައި ހޮޓާތަކާއި ގެސްޓް ހައުސްތައް ހިންގާ މީހުންނަށް އާމްދަނީ ލިބެމުންދާ ކަމަށެވެ.

ތަރައްގީގެ ނަޒަރަކުން ބަލާއިރު، ތައުލީމާއި ސިއްހަތާއި ވިޔަފާރި އޮތުމުން ކުޅުދުއްފުށީ ރައްޔިތުންނަށް ފައިދާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މި ހާލަތުން ނެއްޓި އެހެން ހާލަތަކަށް ދިއުމަށް ކުޅުދުއްފުއްޓަށް މި ދަނޑިވަޅުގައި އެއާޕޯޓެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި އެއާޕޯޓު އަޅާނެ ތަނެއް ކަނޑައެޅުމުގެ މަޝްވަރާތަކުގައި އަމިއްލަ ހައިސިއްޔަތުން ވެސް ބައިވެރިވެވަޑައިގެންފައިވާނެ އެވެ. އެގޮތުން އިރުމަތީ އަވަށުގައި އެއާޕޯޓު އެޅުމާ މެދު ވަރަށް ބޮޑަށް ވިސްނި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އެކަމުގެ ސަބަބުން އެ އަވަށުގައި ހުރި ގިނަ އަދަދެއްގެ ގެތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން، ކުޅުދުއްފުށީ ރައްޔިތުންނާ މިއަދު ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

"ހަގީގަތަކީ އެއާޕޯޓެއް އިރުމަތީ އަވަށުގައި އަޅާ ކަމަށްވާނަމަ، 80 އެތައް ގޯއްޗަކަށް އަސަރު ކުރޭ. އޭގެ ތެރެއިން ގޯއްޗޭ މި ދެންނެވީ މީހުން ދިރިއުޅޭ ގެތަކަށް. ހުސް ގޯތިތައް ނުލައި،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފަހުން ނިންމާފައި ވަނީ އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެ ރަށު ކުޅިން ނުވަ ހެކްޓަރު ހިއްކުމަށެވެ. އެއީ ކުޅީގެ 30 ޕަސަންޓް ސަރަހައްދެވެ.

ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓު އަޅާއިރު، ކަމާ ބެހޭ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބަލަން ވާނެ ކަމަށެވެ. އެގޮތުން އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ހިމަނާފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުޅިން ބައެއް ހިއްކާ އިރު، އެކަން ކުރާނީ ތިމާވެއްޓަށް ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަކަށެވެ. ކުޅި އަށް ގޯނާކޮށް، އިތުރަށް އުނދަގޫތަކެއް ނާންނާނެ ގޮތަށް ވީހާ ވެސް ގެއްލުން ކުޑަކޮށް މިކަން ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓު އެޅުމުގެ މަޝްރޫއަށް އެ ރަށު އެމްޑީޕީގެ ފަސް ކައުންސިލަރުން ތާއީދު ކުރައްވާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލަރުން ތިއްބެވީ ސަރުކާރާ އެކުގަ ކަމަށެވެ. އެއީ ރަށުގެ ތަރައްގީއަށްޓަކައި އެއާޕޯޓު މުހިންމުވާތީ ޕާޓީގެ ވިސްނުމާ ހިލާފަށް ރަށު ފެންވަރުގައި ނިންމެވި ނިންމެވުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓު މަޝްރޫއު ނިމެންދެން ކައުންސިލްގެ މެމްބަރުން ސަރުކާރާ އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަ ނިންމަވާލައްވަމުން ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ސަރުކާރަށް މުހިންމު އެދިވަޑައިގަތުމެއް ވިދާޅުވި އެވެ. އެއީ މި މަޝްރޫއަށް ހުއްޓުމެއް އައުމެއް ނެތި ކުރިއަށް ދާން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދަކީ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބައެއް ބިލުތަކާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރެކެވެ. ނަޝީދު ފަހަކަށް އައިސް ގެންދެވީ ކޯޓުތަކުން ކުރި ބައެއް ހުކުމްތަކާ ގުޅިގެން އޭނާ އަށް ފެނިވަޑައިގަންނަވާ ރައުޔެއް ހާމަކުރައްވަމުންނެވެ. ހާއްސަ ގޮތެއްގައި ގާނޫނުއަސާސީ ބަދަލުނުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނެ އިތުރު ހާލަތެއް ކުރިމަތި ނުކުރެވޭނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން، ސަރުކާރުން ބޭއްވި ބައެއް ރަސްމިއްޔާތުތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކަށް ވެސް އޭނާ ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.