މާލޭގެ ދެ މިސްކިތެއް ތަޅާލައި 12 ބުރީގެ އިމާރާތެއް ހަދަނީ

މާލޭގައި ހުންނަ ބިހުރޯޒް މިސްކިތާއި މަސްޖިދުލް އިމާމް އާދިލް ތަޅާލައި އެ ދެ މިސްކިތް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް ދެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.


ފިނޭންސް މިނިސްޓްރީން އިއްޔެ ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން މި އިން ކޮންމެ ތަނެއް ތަރައްގީ ކުރަނީ ފަސް މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ. ނަމަވެސް މި ދެ މިސްކިތް ތަޅާލުމަށްފަހު، ހަދާ އިމާރާތުގައި މިސްކިތް ހިމެނޭ ކަމެއް ބަޖެޓުގައި ބުނެފައެއް ނެތެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން މި ދެ މަޝްރޫއު ހިންގަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުންނެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ސައޫދީ އަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 17 ރަށެއްގައި މިސްކިތް އެޅުމަށް ވެސް ހިމަނާފައިވެ އެވެ.

މި އަހަރުގެ ބަޖެޓެކޭ އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތް ކުރުމަށާއި މަސްޖިދު ބަހާއުއްދީން ފަސް ބުރި އަށް އިމާރާތް ކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ. ސަރުކާރުން ނިންމާފައިވަނީ ޒިކުރާ މިސްކިތް ތަޅާލުމަށްފަހު 10 ބުރިއަށް އިމާރާތް ކުރުމަށެވެ.

ނަމަވެސް ބަޖެޓުގައި މިފަހަރު ހަމައެކަނި އޮތީ ޒިކުރާ މިސްކިތް ތަޅާލުމަށް ފަހު، އެ ތަނުގެ ފައުންޑޭޝަންގެ މަސައްކަތާއި ތިން ބުރިއަށް ހެދުމާއި ޕާކް ކުރެވޭނެ އިންތިޒާމު ގާއިމު ކުރުމެވެ.

މި ދެ މަޝްރޫއަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ.

ރަށްދެބައި މަގުގައި ސީއެޗްއެސްއީ ކައިރީގައި ހުންނަ ބިހުރޯޒް މިސްކިތު ގޯތި ތެރެއިން ގަބުރު ފެނިގެން އެ ތަނުގެ ގޯތި ތެރޭގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ. މަޖީދީ މަގުން ގަލޮޅު ދަނޑު ކައިރީގައި ހުންނަ މަސްޖިދުލް އިމާމް އާދިލްގައި މިހާރު ވެސް ނަމާދު ކުރެ އެވެ.