އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.


ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމާއި ކަރެކްޝަނަލް ސާވިސްއާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ބަލަމުން އަންނަ އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ނެތެވެ.

އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅިއިރު، މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް އިސްލާހެއް ގެނަ އެވެ. އެއީ އެންއައިސީގެ ރައީސްގެ ކާރު އެލަވަންސަށް 6،000ރ. އާއި ޕެޓްރޯލް އެލަވަންސަށް 1،000ރ. ދިނުމަށެވެ. އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރީ އެ އިސްލާހާ އެކު އެވެ.

އަލަށް ގެނައި ބަދަލާއެކު، މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި އެންއައިސީގެ ރައީސަށް 45،000ރ. ލިބޭނެ އެވެ. އަދި ކުރިން ވެސް އޮންނަ ގޮތަށް މެޑިކަލް އިންޝުއަރެންސަށް 14،500ރ. އާއި ފޯން އެލަވަންސަށް 1،000ރ. ލިބޭނެ އެވެ. ކުރިން އެ މަގާމުގެ މުސާރަ އާއި އިނާޔަތަކީ 37،000ރ. އެވެ.

އެންއައިސީގެ ނައިބު ރައީސަށް، މި ގެނައި ބަދަލާއެކު މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި 37،500ރ. ލިބޭނެ އެވެ. ކުރިން ވެސް އޮންނަ ގޮތަށް މެޑިކަލް އިންޝުއަރެންސަށް 14،500ރ. އަދި ފޯން އެލަވަންސަށް 1،000ރ. އެ މަގާމަށް ލިބޭނެ އެވެ. އެންއައިސީގެ ނައިބު ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކުރިން ލިބުނީ 34،000ރ. އެވެ.

މަޖިލީހުން އަލަށް މި ގެނައި ބަދަލާއެކު، އެންއައިސީގެ މެމްބަރުންނަށް މުސާރަ އާއި ލިވިން އެލަވަންސާއެކު 35،500ރ. ލިބޭނެ އެވެ. ކުރިން ވެސް އޮންނަ ގޮތަށް މެޑިކަލް އިންޝުއަރެންސަށް 14،500ރ. އަދި ފޯން އެލަވަންސަށް 1،000ރ. ލިބޭނެ އެވެ. މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކުރިން ލިބުނީ 33،000ރ. އެވެ.

ފުލުހުންނާއި ކަސްޓަމްސް ފަދަ އިދާރާތަކުގެ މަައްސަލަތައް ބެލުމުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. ފުލުހުންގެ މައްސަލަތަކުގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް އެންއައިސީ އަށް ލިބެ އެވެ.

ހަތަރު މެމްބަރުން ތިއްބަވާ އެ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު އެ މުއައްސަސާއެއްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެ އެވެ. ޖިނާއީ މައްސަލައެއް ނަމަ، ކޮމިޝަނުން ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.

މާލިއްޔަތު ކޮމެޓީން ބުނި ގޮތުގައި އެންއައިސީގެ މެމްބަރުންގެ މުސާރަ އަށް ބަދަލު ގެނައީ، މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަ ހަމަހަމަ ކުރުމަށް ގެންގުޅޭ އުސޫލުގެ ދަށުންނެވެ. އަދި އެންއައިސީގެ މެމްބަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަން ފިނޭންސް މިނިސްޓްރީން ލަފާ ދިނުމުންނެވެ.

އެންއައިސީގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރިއިރި، އެ ކޮމިޝަންގެ ރައީސަށް މިހާތަނަށް ހުންނެވި ޔޫސުފް މާނިއު ވަނީ މި މަހުގެ 23 ގައި ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ.

މާނިއުގެ ބަދަލުގައި އެންއައިސީ އަށް މެމްބަރަކު ހޯދުމަށް ރައީސް އޮފީހުން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.