ޗައިނާ އިން ބިނާކުރި 1500 ހައުސިން ޔުނިޓް ސަރުކާރާ ހަވާލުކޮށްފި

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި އެޅި 1500 ހައުސިން ޔުނިޓް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.


ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފްލެޓުތައް ޗައިނާގެ ފަރާތުން ހަވާލު ކުރެއްވީ ސީއެމްއެސީ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިއު ޝައުޑާ އެވެ. އަދި ސަރުކާރުގެ ފަރާތުން މި ފްލެޓްތަކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ޗައިނާގެ ސީއެމްއީސީ އިން އެޅި 1500 ހައުސިން ޔުނިޓް ސަރުކާރާ ހަވާލު ކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިންތަކެއް ބައިވެރިވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން ސީއެމްއީސީ އިން އެންމެ ގިނަ ފްލެޓް އެޅީ ހުޅުމާލޭގަ އެވެ. ހުޅުމާލޭގައި 704 ހައުސިން ޔުނިޓް އެޅި އިރު، ސ. ހިތަދޫގައި 264 ހައުސިން ޔުނިޓް، ހުޅުމީދޫގައި 48 ހައުސިން ޔުނިޓް، ޏ. ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް، ގއ. ވިލިނގިލީގައި 52 ހައުސިން ޔުނިޓް، ގދ. ގައްދޫގައި 50 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 120 ހައުސިން ޔުނިޓް، ގދ. މަޑަވެލީގައި 22 ހައުސިން ޔުނިޓް އަދި ގދ. ހޯޑެއްދޫގައި 40 ހައުސިން ޔުނިޓް ވަނީ އަޅައިފަ އެވެ.

މި ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅާފައި ވަނީ ޑިސެމްބަރު 9، 2014 ގަ އެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ހުޅުމާލޭގައި 704 ފްލެޓު އިމާރާތް ކޮށްފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރި ހައުސިން ޔުނިޓްތަކަކީ، މީގެ ކުރީ ސަރުކާރުތަކުން ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތަކަށްވުރެ، ތަނަވަސް ހައުސިން ޔުނިޓްތަކެއް ކަމަށެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވާހަކަ ދައްކަވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ

"ޔަގީންކަން ދޭން ކެރޭ މިހާތަނަށް ރައްޔިތުންނަށް ސަރުކާރަކުން އެންމެ ފުރިހަމަ އަށް ބިނާ ކުރި ހައުސިން ޔުނިޓްތަކަށް ވާނީ މި ހައުސިން ޔުނިޓްތައް،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމުކުރި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ފާހަނާއެއް ހުންނާނެ އެވެ. މުއިއްޒު ވިދާޅުވީ ކުރިމަގުގައި ވެސް މި ފެންވަރުގެ ނުވަތަ މި އަށް ވުރެ ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިފަހަރު ހައުސިން ޔުނިޓްތައް ލިބުނު މީހުންނަކީ ވަރަށް ނަސީބު ރަނގަޅު ބައެކެވެ. އެއީ އެންމެ ފުރަތަމަ މި ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް ލިބިފައިވާ މީހުންނަށް ވީމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ސީއެމްއީސީ އިން އެޅި 1500 ހައުސިން ޔުނިޓް ސަރުކާރާ ހަވާލު ކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އާންމުންގެ ބަޔަކު ބައިވެރިވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯ އަށް ބަލާއިރު، އެންމެ މުހިންމު އިސްކަމެއް ދީފައި އޮތީ ގެދޮރުވެރިކުރުމުގެ މަޝްރޫއަށް ކަމަށެވެ. އަދި މި ކަންކަން ސަރުކާރުން ރާވާފައިވާ ގޮތަށް ހާސިލްވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި 1500 ހައުސިން ޔުނިޓަށް 15000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އިރު، އެ އެންމެންނަކީ ގެދޮރު ލިބެން ޖެހޭ މީހުންނެވެ. އެކަމަކު، މި ފަހަރު ހައުސިން ޔުނިޓް ލިބުނީ އެންމެ ބޮޑަށް ބޭނުންވެފައި ތިބި މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސް ޔާމީން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި "ހިޔާ" މަޝްރޫއަކީ މިކަން ހައްލުކޮށް ދިނުމަށް ފެށި މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.