މިނިވަން ވިޔަފާރީގެ އެެއްބަސްވުމުގައި ރާއްޖެ-ޗައިނާ ސޮއިކޮށްފި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެ އާއި ޗައިނާ އިން ދެންމެ ސޮއިކޮށްފި އެވެ.


ރައީސް އަބްދުﷲ ޔާމީން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮމާސް މިނިސްޓަރެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެ-ޗައިނާ ސޮއިކުރީ، މީގެ އިރުކޮޅެއް ކުރިން ޗައިނާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެ އިން ޗައިނާއާ އެކު ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އަވަސް އަރުވާލައިގެން އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސަރުކާރުން މިނިވަން ވިޔަފާރީގެ އެ އެއްބަސްވުން ގާއިމުކުރަނީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ކަމަށެވެ.

ނަމަވެސް ސަރުކާރުން ބުނި ގޮތުގައި އެފްޓީއޭއަކީ "ހަމައެއްލަމައެއް ނެތި" ވިޔަފާރިތަކަށް ހުއްދަ ދިނުމެއް ނޫނެވެ. އެފްޓީއޭގައި ސަރުކާރުން ސޮއިކުރާ އިރު، އޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށާއި ބޮޑަށް ފައިދާވާނީ ރާއްޖެ އަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

އެފްޓީއޭގެ އިތުރުން ދެ ގައުމުގެ މެދުގައި މިއަދު ވަނީ އިތުރު 12 އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި އުއްމީދީ އިގްތިސާދީ ޕްލޭނެއް ކަމަށް ޗައިނާ އިން އިއުލާން ކޮށްފައިވާ ސިލްކް ރޯޑު އެއްބަސްވުން ވެސް ހިމެނެ އެވެ.

އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ޓެކްނޮލޮޖީގެ ދާއިރާ އާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާ އާއި ސީ ވޯޓާ ޑިސެލިނޭޝަން މަޝްރޫ އާއި ސިއްހީ ދާއިރާ އާއި ޖޮއިންޓް އޯޝަން އޮބްޒަވޭޝަން ސިސްޓަމަކާ ގުޅޭ އެއްބަސްވުމަކާއި ބޭންކްގެ ދާއިރާއާ ގުޅޭ ދެ އެއްބަސްވުމެކެވެ.

މީގެ އިތުރުން ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑު ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ރާއްޖެ-ޗައިނާ ސޮއިކުރި އެވެ.