މިިނިވަން 50ގެ ކޮމެޓީގައި ނުތިބެން: އޭސީސީ، އޮޑިޓަ ޖެނެރަލްގެ އޮފީސް

ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތައް ހިންގުމަށް އުފެއްދި އެއްވެސް ކޮމެޓީއެއްގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިނިވަން 50 ގެ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މިނިވަން 50 އޮފީހުގައި އުފެއްދި ހާއްސަ ކޮމެޓީއެއްގައ އޮޑިޓާ ޖެނެރަލްގެ އޮފީހާއި އޭސީސީގެ މުވައްޒަފުން ތިއްބަވައިގެންނެވެ. ނަމަވެސް އުމަރުގެ އެ ވާހަކަތައް އޭސީސީންނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ދޮގުކުރެ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ދިޔައީ އެ ކޮމިޝަންގެ ބެލުމުގެ ދަށުން ނޫން ކަމަށެވެ. އެކަމަކު، މިނިވަން 50 ކޮމެޓީގެ އެދުމަކަށް، އެއް ދުވަހު ބައްދަލުވުމަކަށް ވަޑައިގެން މަޝްވަރާ ކުރެއްވި ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިގެން އެންމެ ބައްދަލުވުމެއް ބޭއްވީ. އަޅުގަނޑުމެން އެދުނީ ކުއްލި ގޮތަކަށް ކަންކަން ކުރިއަށް ގެންދަން ޖެހުނަސް، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަން ކުރަން. އޭސީސީން އެއްވެސް ކޮމެޓީއެއްގައި ބައިވެރިވެގެން މަސައްކަތްކޮށްފައެއް ނޯންނާނެ،" މުއައްވިޒު ވިދާޅުވި އެވެ.

އުމަރު ކުރިން ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައި ވަނީ މިނިވަން 50ގެ ކަންކަން ކުރިއަށް ގެންދަނީ އޭސީސީގެ ހާއްސަ ޑެސްކެއް ބަހައްޓައިގެން ކަމަށެވެ. އެކަމަކު، އެ ތުހުމަތުތައް ދޮގު ކުރައްވައި މުއައްވިޒު ވިދާޅުވީ މިނިވަން 50ގެ ކަންކަން ބެލުމަށް ޑެސްކެއް ބެހެއްޓިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މި ކަންކަން ނިމުނު ފަހުން އަޅުގަނޑުމެން ތަހުގީގު ފެށީ ވެސް. އޭރު ހިނގައިދިޔަ ކަންކަން އަދިވެސް އެބަ ތަހުގީގު ކުރަމުން ދޭ،" މިިނިވަން 50 ގައި ހިންގި ހަރަކާތްތަކަށް އިޝާރާތް ކުރައްވައި މުއައްވިޒް ވިދާޅުވި އެވެ.

"އެހެންވެ، މިހާރު އެ ދައްކަނީ ހަގީގަތާ އެއްގޮތް ވާހަކަތަކެއް ނޫން."

އޮޑިޓް އޮފީހުގެ މެނޭޖަ ޓެކްނިކަލް އަހުމަދު ނަސީމް ވެސް ވިދާޅުވީ މިިނިވަން 50ގެ ކަންކަން ކުރިއަށް ގެންދިޔަ އެއްވެސް ކޮމެޓީއެއްގައި އެ އޮފީހުން ބައިވެރިވެފައި ނުވާނެ ކަމަށެވެ.

އެކަމަކު، ކޮމެޓީގެ އެދުމަކަށް އޮޑިޓް އޮފީހުގެ އިސް ބޭފުޅުންތަކެއް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބައްދަލުވުމުގައި އޭސީސީން ވެސް ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން އޮޑިޓް އޮފީހާއި އެ ކޮމެޓީއާ ދެމެދު ލިޔެކިޔުމަކުން އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަހު ވެސް އަޅުގަނޑުމެން ދެންނެވިން އޮޑިޓާ ޖެނެރަލްގެ އޮފީހަކީ، އެއްވެސް ކަމެއް ހިނގަމުން ދާއިރެއްގައި އެ ވަގުތަކު އެކަމެއް ބަލާ ބައެއް ނޫނޭ. އެކްސްޓާނަލް އޮޑިޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ބަލަމުން ދާނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އެ އަހަރެއްގެ އަހަރީ ވޯކްޕްލޭންގައި ހިމަނައި، ރައްޔިތުންގެ މަޖިލީހުން އެ އަހަރަކު ބެލުމަށް ފާސްކޮށްފައި ހުންނަ ކަންތައްތައް. މިނިވަން 50 ގެ ކަންކަން ބެލުމަށް އޭރުގެ ވޯކްޕްލޭންގައި ހިމަނާފައި ވެސް ނޯންނާނެ،" ނަސީމް ވިދާޅުވި އެވެ.

"މިހާރު ވެސް މިނިވަން 50 ގެ ޚަރަދުތަކާ ގުޅޭ ކަންކަން އަޅުގަނޑުމެން މި ބެލީ ހޯމް މިނިސްޓްރީގެ އޮޑިޓްގެ ތެރެއިން."

ނަސީމް ވިދާޅުވީ މިނިވަން 50ގެ ޚަރަދުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިނިވަން 50 އޮފީހުން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގައި ވެސް، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާނެ ކަމަށެވެ.

"ކިތަންމެ އަވަހަށް ކަމެއް ކުރިޔަސް، ލަހުން ކުރިޔަސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އެކަމެއް ކުރިއަށް ގެންދަން އަޅުގަނޑުމެން އެ ދުވަހު ވެސް ދެންނެވިން،" އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެއްވެސް ކަމެއް ގަވާއިދާ ހިލާފަށް ދިޔަ ނަމަ، އޭސީސީ އާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ބޭފުޅުން ކުރިން އެކަން ފާހަގަ ކުރެއްވީސް ކަމަށެވެ. އަދި އެ ދުވަހު، ނުފެނުނު ކަމެއް މިހާރު ފެނުނު ކަމަށް ބުނުމަކީ ބަލަން ޖެހޭ ވަރަށް ނުބެލުން ކަމުގައި އޭނާ ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އާންމުކުރެއްވި ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކުރި ކަން ކަމެވެ.