ދިވެހި ސަރުކާރާ މަޝްވަރާ ކުރަން އިންޑިއާގެ ވަފުދެއް ރާއްޖެ އަންނަނީ

ރާއްޖެ އާއި އިންޑިއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރަން އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.


"ޓައިމްސް އޮފް އިންޑިއާ" ގައިވާ ގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރަން އިންޑިއާ ސަރުކާރުގެ ވަފުދެއް ރާއްޖެ އަންނަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަންނަ މަހުގެ ކުރީކޮޅު އެ ވަފުދު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ނޫހުގައިވެ އެވެ.

އެކަމަކު އެ ދަތުރާ ބެހޭގޮތުން އިންޑިއާގެ ސަރުކާރުން ވެސް އަދި ރާއްޖެއިން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު އިންޑިއާގެ ބައެއް ތަޖްރިބާކާރުންގެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު އެކަމާ ދެކޮޅަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިންޑިއާ އަށް ފާޑު ކިޔައި، ރާއްޖޭގެ މީޑިއާއަކުން ލިޔުމެއް ޝާއިއު ކުރުމުން، އެކަމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އިންޑިއާއަކީ އެންމެ ރަހުމަތްތެރި އެއް ގައުމު ކަމަށް ވިދާޅުވެ، އެގައުމަށް ބަދު ބަސް ނުބުނަން ރައީސް އެދިވަޑައިގަތެވެ.

ދާދިފަހުން އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ގއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކޮށްފައި ވަނިކޮށް، އެ ކައުންސިލަރުން ތިން މަހަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ކައުންސިލަރުން ސަސްޕެންޑްކުރީ ހުއްދަ ނެތި ސަފީރުންނާ ބައްދަލު ކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާ ކުރުމަށް ފަހު އެވެ.