ދެ މަސްވެރިއަކު މަރުވީ ސިހުރެއްގެ ސަބަބުންތޯ ބަލާނަން: ކައުންސިލް

އެއް ދޯންޏަކުން މަހަށް ދިޔަ ނ. ލަންދޫގެ ދެ މަސްވެރިން އެއް ހަފުތާގެ ތެރޭގައި މަރުވީ ސިހުރެއްގެ ސަބަބުން ކަމަށް ބައެއް މީހުން ގަބޫލު ކުރާ ކަމަށާއި އެހެންވެ، އެއީ ތެދެއްތޯ ބަލާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.


ކައުންސިލްގެ ރައީސް އަބްދުﷲ އާރިފް މިއަދު ވިދާޅުވީ ސިހުރު ހަދައިގެން މީހުން މެރުމުގެ ކަންކަން ރާއްޖޭގައި ހިނގާފައިވާ ކަމަށެވެ. އެ ރަށުގެ ދެ މަސްވެރިން ވެސް، އެހާ އާދަޔާހިލާފު ގޮތަކަށް މަރުވީ ސިހުރު ހަދައިގެން ކަމަށް ވުން އެކަށީގެންވާ ކަމަށް ބައެއް މީހުން ތުހުމަތުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންދޫގައި ކަނޑުމަސްވެރިކަން ކުރާ ދޯންޏަކުން މަހަށް ނިކުމެ އުޅެނިކޮށް އެންމެ ފުރަތަމަ، އާދަމް އިސްމާއީލް، 45، މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަރުވެގެން ވެއްޓުނު އިރު އޭނާ ހުރީ މަސް ބާނާށެވެ. އޭގެ ފަހުން އެ ދޯނީގައި އެން އުކަން ހުއްޓައި އަހުމަދު ފައިސަލް، 45، މިއަދު ވަނީ މަރުވެފަ އެވެ.

ވަރަށް ގާތްކޮށް އުޅޭ އަދި ސިއްހަތު ރަނގަޅު މި ދެ އެކުވެރިން މަރުވީ ވެސް މެއަށް ތަދެއް އަރައި ހޮޑުލުމަށް ފަހު އެވެ. އެ ދެ މީހުން ވެސް އެ އަތޮޅު ކެނދިކުޅުދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު އޮތީ މަރުވެފަ އެވެ.

ސިއްހީ މަރުކަޒުން ލަފާ ކުރާ ގޮތުގައި އެ ދެ މީހުން ވެސް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އެކަމަކު އާދަޔާހިލާފު ގޮތަކަށް މަރުވުމުން، އެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.

އާރިފް ވިދާޅުވީ އާދަމް އާއި ފައިސަލް މަރުވީ ސިހުރެއްގެ ސަބަބުންތޯ ކައުންސިލުން ބެލި ނަމަވެސް ސިހުރު ހަދައިގެން އެ މީހުން މަރާލީ ކަމަށް ކައުންސިލުން ގަބޫލު ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލު ކުރެވެނީ އެއީ ގުދުރަތީ މަރެއް ކަމަށް. އެކަމަކު ސިހުރު ހެދުމަކީ ކުރާ ކަމެއް. އެހެންވެ، އެގޮތަށް މީހުން ވާހަކަ ދައްކާތީ، ރުގުޔާ ކޮށްގެން އަޅުގަނޑުމެން އޭގެ ހަގީގަތް ބަލާނަން،" އާރިފް ވިދާޅުވި އެވެ.

ކުއްލި ދެ މަރުން ލަންދޫގެ ގިނަ ބަޔަކު ތިބީ ވަރަށް ހާސްވެ، އަސަރުކޮށްފަ އެވެ. އެހެންވެ، މަރުގެ ހަގީގަތް ބެލުމަށް ރުގުޔާ ކުރާނީ އެ ހާސްކަން ކުޑަވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.