ދިމާވި ދަތިތައް ހައްލުކޮށް، ހޮސްޕިޓަލާ ރަސްމީކޮށް ހަވާލުވާނަން: ނިމްސް

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް، ހިންގުމުގައި ދަތިތަކެއް ދިމާވިޔަސް، ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެތަނާ ރަސްމީކޮށް ހަވާލުވެ އެއްބަސްވުމުގައި ބުނާ ގޮތަށް އެތަން ހިންގާނެ ކަމަށް އިންޑިއާގެ ނިމްސް ކުންފުނިން މިއަދު ބުނެފި އެވެ.


ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުންޏާ ކުޅުދުއްފުށީ ހޮސްޕިޓަލް ސަރުކާރުން ހަވާލުކުރީ ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް އެތަން ތަރައްގީކޮށް ހިންގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާތީ މިދިޔަ މަހު ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން އެތަން ހިންގުމާ ހަވާލުވެފަ އެވެ.

ނިމްސް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގަައި އެ ކުންފުނިން މަސައްކަތް ކުރީ ހޮސްޕިޓަލްގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ގެންނަން ޖެހޭ ސީޓީ ސްކޭން މެޝިނާއި އިކޯ ސައުންޑް މެޝިން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެމްއާރުއައި މެޝިނާއި އެކި ދާއިރާތަކުން 20 ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެއްބަސްވުމުގެ ދަށުން މި ކުންފުންޏަށް މަތިކުރެވިފައިވާ އެންމެހައި ޒިންމާތައް އޭގެ ފުރިހަމަ ގޮތުގައި އެއްބަސްވުމާ އެއްގޮތަށް އަދާ ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ މުވައްޒަފުންނަށާއި ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" ނިމްސް މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ސޮއިކުރައްވާފައިވާ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެއްބަސްވުމުގައިވާ ކަންކަން ބޭނުންވި އަވަސް މިނުގައި ނުކުރެވުނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ހީނަރުވެގެންނެވެ.

ނަމަވެސް ނޫރުލް އިސްލާމުން ބުނީ އެކަންކަން މިހާރު ހައްލުކޮށް، އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ކަންކަން އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްބާރުލުން ވެސް ލިބޭ ކަމަށާއި އެއްބަސްވުމާ އެއްގޮތަށް އެ ހޮސްޕިޓަލާ ހަވާލުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލާ ހަވާލުވާނެ ކަމުގެ ޔަގީންކަން ނިމްސް ކުންފުނިން ދިންއިރު އެ ކުންފުނިން ވަނީ އެކަމުގައި ދިމާވި ގޮންޖެހުންތައް ބަޔާންކޮށް، ރައީސް އަބްދުﷲ ޔާމީނަށް ދިގު ސިޓީއެއް ފޮނުވައިފަ އެވެ.

ކުންފުނީގެ ޑައިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމުން އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށާއި ބައެއް ކަންކަން އެ ކުންފުނީގެ ހުއްދަ ނެތި ޑައިރެކްޓަރުން ކޮށްފައިވާ ކަމަށް ވެސް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.