ގެއްލިގެން ހޯދަމުން ދިޔަ "ނޫރު" ދޯނި ފެނިއްޖެ

ތ. ބުރުނިން 11 މީހުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، ގެއްލިގެން ހޯދަމުން އައި "ނޫރު" ދޯނި މިރޭ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


އެމްއެންޑީއެފުން ބުނީ، ގާތްގަނޑަކަށް 65 ފޫޓުގެ އެ ދޯންޏާ މިރޭ 9:00 ހާއިރު ގުޅުނުއިރު އެ ދޯނި އޮތީ ކ. ދިއްފުށީ ބޮޔާ ހިސާބުގައި ކަމަށެވެ. އަދި ދޯނީގެ ކެޔޮޅާ ހަވާލާދީ، އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ މިރޭ ދަންވަރު 1:00 ހާއިރު، އެ ދޯންޏަށް ކ. ހިންމަފުއްޓަށް ވަދެވޭވަރުވާނެ ކަމަށެވެ.

"ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު،" ގެއްލިގެން، މިދިޔަ ބުދަ ދުވަހު ސިފައިންނަށް ރިޕޯޓް ކޮށްފައިވާ ދޯނީގައި ތިބި މީހުންނާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުންޏެވެ.

"މި ދޯންޏާ ނުގުޅުނީ ބޭރުގައި މަސްވެރިކަން ކުރަން އުޅުމުގެ ސަބަބުން ކަމުގައި ދޯނީގެ ކެޔޮޅު އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވެ އެވެ."

މި ދޯނި ގެއްލިގެން ރިޕޯޓްކުރިއިރު، އޭގެ ޚަބަރެއް އެންމެ ފަހުންވީ، ހދ. ނޮޅިވަރަމާ ދިމާލު ބޭރުގައި އޮއްވައި މިދިޔަ ހޮނިހިރު ކަމަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ، މިފަދަ އުޅަނދުތަކުގެ ޚަބަރެއް ނުވެގެން ހޯދުމަށްޓަކައި ވަރަށް ގިނަ ވަސީލަތްތައް ބޭނުންކުރަންޖެހޭ ކަމަށެވެ.

އެހެންވެ، މަސްވެރިން މަސްވެރިކަމުގައި ހޭދަކުރާ ވަގުތު އާއިލާއަށް ގުޅައި ޚަބަރުތައް އެންގުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.

"ހަމަ އެހެންމެ ޚަބަރެއް ނުވެ ފާއިތުވެގެންދާ ދުވަސްތަކަކީ އާއިލާއަށް ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަންޖެހޭ ވަގުތުތަކަކަށް ވާތީވެ، މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުން އެމީހުންގެ އާއިލާތަކަށް ނުތަނަވަސްކަން ތަހައްމަލުވިޔަ ނުދީ އެހީތެރިވެ ދެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ،" އެމްއެންޑީއެފުން ބުންޏެވެ.