ދަރިވަރަށް ހަމަލާދިނީ މާލޭގެ ގޭންގަކަށް ނިސްބަތްވެއޭ ބުނެފައި!

ދަރުމަވަންތަ ސްކޫލުގެ ގުރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އެ ދަރިވަރު ހޯދަން އިއްޔެ ސްކޫލު ނިމުނު ގަޑީގައި ގުރޫޕަކުން ސްކޫލު ކައިރީގައި ތިއްބެވެ. އޭނާ ގެންދަންވެގެން ސްކޫލް ހޯލް ތެރެއަށް ވެސް އެ މީހުން ވަނެވެ. އެކަމަކު ގްރޫޕާ އެކު އޭނާ ދިޔަނުދީ ހުއްޓުވީ ކުލާސް ޓީޗަރެވެ.


ދަރިވަރު ގެއަށް ދާން ސްކޫލުން ނުކުތީ މާލޭގެ މަޝްހޫރު ގޭންގަކަށް ނިސްބަތްވާ އެ ގްރޫޕްގެ މީހުން އެ ސަރަހައްދުގައި ނެތްކަން ޔަގީންކޮށްފަ އެވެ. އެކަމަކު މަގުމަތިން އޭނާއާ ދިމާކޮށް، އެންމެ ފަހުން މާރާމާރީ ހިންގި އެވެ.

"އަޅުގަނޑު އުޅުނީ ކުރިން ގެއަށް ދާ މަގު ނޫން އެހެން މަގަކުން ދާން. ސޯސަންމަގުން ލާފައި ދާން ވެގެން ދަނިކޮށް މަޖިލިސް ކަންމަތިން ސައިކަލެއްގައި އައި ބަޔަކު ހިފެހެއްޓީ،" ހދ. ނޭކުރެންދޫ އަށް އުފަން، ދަރިވަރު ބުންޏެވެ.

"އެމީހުން ބުނީ ބުރޯ ކީއްވެހޯ ބިރުން ތިއުޅެނީ. ދެން އަޅުގަނޑު ބުނީ ބިރެއް ނުގަނޭ. ބުނީމަ އެމީހުން އަޅުގަނޑު ގެންދިޔައީ ސީއެޗްއެސްސީ ގޯޅިއަށް."

ސީއެޗްއެސްއީ ކައިރީ އޮންނަ ގޯޅިގަނޑަށް ގެންގޮސް، މާލޭގެ ގޭންގެއްގެ ނަން ބުނެފައި ދަރިވަރު ގާތު އެ މީހުން އެހީ، އޭނާ ކިޔައިދިން ގޮތުގައި، އެ ގޭންގަށް އޭނާ ނިސްބަތްވޭތޯ އެވެ.

"އަޅުގަނޑު ބުނިން އެއްވެސް ގޭންގެއް ނޫނޭ. އެހެން ބުނީމަ ވެސް ތަޅައިގަތީ،" ހަމަލާދިން ގޮތް ކިޔައިދެމުން ދަރިވަރު ބުންޏެވެ.

އެ މީހުން ވަނީ އެދަރިވަރުގެ މޫނުމަތީގައި ޖެހުމުގެ އިތުރުން ޕޭމަންޓް ގަލަކުން ބޮލަށް ވެސް ހަމަލާދީފަ އެވެ. އެކަމަކު އެ ހަމަލާއިން ސަލާމަތްވާން ބޮލުގައި އަތް އެޅުމުން ގާބުރިން ޖެހިގެން ކަނާއަތުގެ ކަށި އިނގިލި ވަނީ ބިނދިފަ އެވެ.

އޭރު ވެސް ދަރިވަރަށް ނޭނގުނު ކަމަކީ އޭނާގެ އަރިކައްޓަށް ވަޅި ހަރާފައި ހުރި ކަމެވެ.

"އެމީހުން ތަޅައިގެންފައި ފިލަން ދުއްވައިގަތީމަ އަޅުގަނޑު ގެއަށް ދާން ހިނގައިގަތީ. ހިނގާފައި ދަމުން ބުރަކަށީގައި އެއްޗެއް ހުރިހެން ހީވެގެން އަތްލިއިރު ލޭ ހުރީ،" ދަރިވަރު ކިޔައިދިނެވެ.

"ދެން އެވަގުތު ސީއެޗްއެސްއީ ކައިރީގައި ހުރި ޓުރެފިކް ޕޮލިހަކަށް ފެނިގެން އެހީ ކިހިނެއްވެފަހޭ. އަޅުގަނޑު ބުނިން ވަޅި ހަރާފައޭ. ދެން އޭޑީކޭއަށް ގެންދިޔައީ."

އޭނާ ބުނީ އެއްވެސް ގޭންގަކާ އެއްވެސް އިރަކު ގުޅުމެއް ނޯންނަ ކަމަށެވެ. އަދި ގޭންގަކަށް ނިސްބަތްވާ ބަޔަކާ އެކު ވެސް ނޫޅޭ ކަމަށް ބުންޏެވެ. އެކަމަކު އޭނާ ބުނި ގޮތުގައި މިދިޔަ އަހަރު ކްލާހުގައި އުޅުނު މާލޭގެ ގޭންގަކަށް ނިސްބަތްވާ ދަރިވަރަކާ މައްސަލަ ޖެހުނެވެ.

"އޭނާ ކުލާހުގައި އުޅެނީ މާ ގަދަވެފައި. އަޅުގަނޑު އޭނާ ބުނާހާ ގޮތެއް ނުހަދަން. އެހެންވެ ޒުވާބު ކުރާނެ،" އޭނާ ބުންޏެވެ.

"މިދިޔަ ޑިސެމްބަރު މަހު ކްލާސް ވައިބާ ގުރޫޕުގައި އޭނާ ފުއްޕަން ފެށީމަ އަޅުގަނޑު ވެސް އޭނާއާ ޒުވާބު ކުރިން."

ގޭންގަށް ނިސްބަތްވާ ދަރިވަރުގެ ރައްޓެހި ގްރޫޕަކުން މިދިޔަ އާދިއްތަ ދުވަހު ސްކޫލު ކައިރިއަށް ގޮސް އޭނާއާ ވާހަކަދެއްކި އެވެ. އެގޮތުން އެ ކުއްޖާއާ ޒުވާބުކުރީ ކީއްވެތޯ ސުވާލުކޮށް ހެދި ކަމަށް އޭނާ ބުންޏެވެ. އަދި މާފަށް އެދޭށޭ އެމީހުން ބުނުމުން މާފަށް ވެސް އެދުނު ކަމަށް ވެ އެވެ. އެހެންކަމުން އެހާ ހިސާބުން އެ މައްސަލަ ނިމުނީ ކަމަށް ގަބޫލުކުރެވުނު ކަމަށް ދަރިވަރު ބުންޏެވެ.

އަނިޔާވިި ކުއްޖާގެ ބިނދުނު އިނގިލީގައި ދިއުމުން ބޭސް އަޅާފައި --ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

އެކަމަކު މިހާރު އޭނާ ލަފާކުރަނީ އިއްޔެ އޭނާއަށް ހަމަލާދިނީ ގޭންގަށް ނިސްބަތްވާ ދަރިވަރުގެ ރޭވުމެއްގެ ދަށުން ކަމަށެވެ.

"އޭނާ އެބަހުރި ބުނެފައި ތިމަންނަ އެގުރޫޕު ކައިރި ބުނިއްޔޭ އަޅުގަނޑަކީ [މާލޭގެ އެހެން ގޭންގަކަށް ނިސްބަތްވާ] މީހެކޭ. އެހެން ބުނީ އެމީހުން ލައްވާ އަޅުގަނޑަށް ހަމަލާދޭށޭ،" ދަރިވަރު ބުންޏެވެ.

ޒަހަމްވީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ މާލޭގައި ހުންނަނީ ބޭބެއެއް ކައިރީގަ އެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން ދަރިވަރުގެ ބޭބެ ބުނީ އޭނާ ގެއިން ބޭރަށް ގޮސް އުޅެނީ ހަމައެކަނި ޓިއުޝަނަށާއި ފުޓްބޯޅަ ކުޅެން ކަމަށެވެ. އަދި މާލޭގެ އެއްވެސް ގޭންގަކާ ގުޅިގެން އުޅޭކަން އެނގިފައިނުވާ ކަމަށް ވެސް ބުންޏެވެ.

އޭޑީކޭ އިން ފަރުވާ ދިނުމަށް ފަހު ދަރިވަރު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އޭނާގެ މައިންބަފައިން ނިންމާފައިވަނީ ލިބުނު ގެއްލުންތައް ފަސޭހަވަންދެން ރަށަށް ގެންދާށެވެ. އޭގެ ފަހުން އެނބުރި އައިސް ދަރުމަވަންތަ ސްކޫލާ އަލުން ގުޅޭނެ ކަމަށް ދަރިވަރު ބުންޏެވެ.