ޒަހަމްވި ދަރުމަވަންތަ ދަރިވަރަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި

ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ވަޅި ހަރައި ޒަހަމްކޮށްލި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.


މިއަދު މެންދުރު ލިލީ މަގުގައި، އަރިކައްޓަށް ވަޅިން ހަމަލަދީ ޒަހަމްކޮށްލައިފައިވާ އެ ދަރިވަރުގެ އާއިލާއިން ބުނި ގޮތުގައި އެ ކުއްޖާ ދެ އިނގިއްޔެއް ވެސް ވަނީ ބިނދިފަ އެވެ. އަދި، ސީޓީ ސްކޭންތަކުން ދެއްކި ގޮތުގައި ދަރިވަރުގެ ބޮލަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

ސޯޅަ އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގައި ވެސް ހިމެނޭ އެ ދަރިވަރު ސްކޫލު ތެރޭގައި އެހެން ދަރިވަރަކާ މިއަދު މައްސަލަތަކެއް ކުރިމަތިވި ކަމަށް އާއިލާ އަށް އެނގިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އެހެން ނަމަވެސް، އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.

"އޭނަ އާންމުކޮށް ބޭރަށް ދާނީ ވެސް ފުޓުބޯޅަ ކުޅެން އެކަނި،" އާއިލާގެ މީހަކު އޭޑީކޭ ހޮސްޕިޓަލުގައި ހުރެ ބުންޏެވެ.

އާއިލާ އިން ބުނީ ދަރިވަރުގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. އަދި ބުނީ ވަޅި ހަރާފައި ވަނީ އެހާ ފުންކޮށް ނޫން ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ ކުއްޖެއްގެ ގަޔަށް ވަޅި މިއަދު ހެރިއިރު، ތާޖުއްދީން ސްކޫލަށް ބަޔަކު ވަދެ ކުއްޖެއްގެ ބޮލަށް އިއްޔެ ވަނީ ކަތުރެއް ހަރާލައި ޒަހަމް ކޮށްލައިފަ އެވެ.