ރިސޯޓުތަކުން ރާ ގެންދިޔުމުގެ އޮޕަރޭޝަން ހިންގަނީ ސުލްހަވެރިކަމާއެކު: ކަަަަސްޓަމްސް

ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން މިހާރު ފަށާފައި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.


ފުލުހުންގެ އެހީތެރިކަމާއެކު، ކަސްޓަމްސްއިން އިއްޔެ ފަން އައިލެންޑަށް އަރައި ގިނަ އަދަދެއްގެ ރާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެހެން ތިން ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރައި އެތަންތަން ފާސްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ބަނގުރާ ގެންދާނެ ކަން ވަނީ އަންގައިފަ އެވެ.

އެކަމާ ގުޅޭގޮތުން ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން އެތަނުން ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށާއި އެގޮތުން ތަންތަން ބަލާ ފާސްކުރުމުގެ ކުރިން، އެ އިދާރާގެ ގާނޫނީ ޒިންމާ އާއި ބަލާ ފާސްކުރާ ސަބަބު ތަފްސީލުކޮށް ކިޔައިދެމުން އަންނަ ކަމަށެވެ.

ކަސްޓަމްސްގެ އޮފިސަރުން ފަން އައިލެންޑަށް ގޮސް އެތަނުގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަނީ

އަދި ކަސްޓަމްސް އިން ބަލާ ފާސްކުރަނީ ހަމައެކަނި ބަނގުރާ ބަހައްޓާފައިވާ ގުދަންތައް ކަމަށާއި ޓޫރިސްޓުން އުޅޭ ސަރަހައްދާއި ރިސޯޓުގެ ކޮޓަރިތައް ފާސް ނުކުރާ ކަމަށް ބުންޏެވެ.

ނޫސްބަޔާނުގައި ބުނިގޮތުގައި އެ ތަކެތި ކަސްޓަމްްސްގެ ދަށަށް ގެނައުމުގައި އެއްވެސް ވަރަކަށް ބާރުގެ ބޭނުމެއް ނުކުރެ އެވެ. އަދި ހުރިހާ އެއްޗެއްގެ ބަދަލުގައި އެ އިދާރާއިން ގެންދަނީ ގާނޫނާ ހިލާފަށް އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ބަނގުރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ، ކަސްޓަމްސްއިން ޚިލާފުވެފައިވާ ކަމަށާއި އެ ރިސޯޓުގައި ހުރި ރާތައް ގެންދިޔައީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ކަމަށް ވިލާއިން ބުނެ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އެކަމަކު ކަސްޓަމްސް އިން އެކަން ދޮގު ކުރެ އެވެ.

ކަސްޓަމްސް އިން ބުނީ ގާނޫނު ތަންފީޒު ކުރުމަށްޓަކައި އެ އިދާރާއިން ކުރާ މަސައްކަތްތައް، ވަކި ބައެއްގެ ސިޔާސީ މަގްސަދު ހާސިލް ކުރުމަށްޓަކައި ރައްޔިތުންގެ މެދުގައި އެތަނާ މެދު ނަފުރަތުު އުފެދޭ ގޮތަށް ހަބަރުތައް ފަތުރަމުންދާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި ކަސްޓަމްސް އިން މަސައްކަތް ކުރަނީ ގަވައިދުތަކާއި ގާނޫނުތައް ތަންފީޒު ކުރުމަށް ކަމަށް އެތަނުން ބުންޏެވެ.

ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ހުއްޓާލާފައިވާއިރު ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެކަން ކުރީ މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، އެތަނުގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ.

އޭގެ އިތުރުން މިއަދު ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހިފަހައްޓާފަ އެވެ.