ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން އުވާލަން އުޅޭ ކަމުގެ އިޝާރާތެއް މިނިސްޓަރު ދެއްވައިފި

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން ނިމޭ ހިސާބުން، އެތަން ތަރައްގީކުރަން ސަރުކާރުން ރާވާފައިވާ ޕްލޭންތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ، އެ އެއްބަސްވުން އުވާލަން އުޅޭ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ދެއްވައިފި އެވެ.


އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުނީ، އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދި އެވެ. އެ މައްސަލަތައް ހައްލުކުރަން ދިވެހި ސަރުކާރުން 10 ދުވަހުގެ މުއްދަތެއް ވެސް ދިނެވެ.

އެ މުއްދަތު ހަމަވެފައި ވަނިކޮށް، ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭގޮތުން ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެންއައިއައިއާ އެކު ވެފައިވާ އެއްބަސްވުން އަދިވެސް ދެމިއެބައޮތް ކަމަށާއި އެއަށް ނިމުމެއް އަންނަން ދެން، ދިވެހި ސަރުކާރުން އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ. އެއްބަސްވުން ނިމުމަކަށް އަންނަ ހިސާބުން، ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރަން ރާވާފައިވާ ޕްލޭންތަކާ އެކު ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ސީދާ މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރަން ސަރުކާރުގެ އެބަހުރި ޕްލޭންތަކެއް،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އެ ޕްލޭންތަކާ ގުޅޭގޮތުން ސަރުކާރުން މާ ގިނަ ވާހަކަތައް ނުދައްކަނީ ވެސް، ނާޒިމް ވިދާޅުވި ގޮތުގައި، އެއްބަސްވުން ނިމުމަކަށް ނާންނާތީ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

މިނިސްޓަރު ނާޒިމް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން އެންއައިއައި އަށް ސަރުކާރުން ދިނީ ވަރަށް ރަނގަޅު ނިޔަތެއް އޮވެގެން ކަމަށެވެ. ސަރުކާރުން ބޭނުންވީ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް، ވީހާވެސް ފަސޭހަކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ދިން ޓައިމްލައިނާ އެއްގޮތަށް އެ ބޭފުޅުންނަށް އެތަން ޑިވެލޮޕް ނުކުރެވުނީމާ، މިއަދު ސަރުކާރުން އެކަމާ ހަވާލުވެ އަލުން އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިގެން މިދަނީ،" ނާޒިމް ވިދާޅުވި އެވެ.

ޒިންމާދާރު ސަރުކާރަކުން އަމަލުކުރަން ޖެހޭނެ ގޮތަކީ ވެސް އެއީ ކަމަށާއި އެތަނުގެ ފެންވަރު ރަނގަޅު ކުރަން ސަރުކާރުގައި ޕްލޭންތަކެއް އެބަހުރި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް، އެންއައިއައިއާ ހަވާލުކުރި ފަހުން، ޑޮކްޓަރުން މަދުވުމާއި އެތަނުން ދެމުން އައި ސިއްހީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ދަށްވި ކަން މިނިސްޓަރު މިރޭ ވެސް ފާހަގަކުރެއްވި އެވެ.

ހިއްސާދާރުންގެ މެދުގައި ބޮޑު މައްސަލަގަނޑެއް އުފެދިފައިވާއިރު، ހޮސްޕިޓަލް ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތު އެއް ބޭފުޅަކު ގެންދަވަނީ އަނެއް ބޭފުޅެއްގެ އިސްތަށިފުޅުގައި އަޅުވަމުންނެވެ. ކޮރަޕްޝަންގެ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.