ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަންދެން މަގުމަތީގައި ތިބޭނަން: މަހްލޫފް

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ރޭ ނެރުނު އަމުރު ސަރުކާރުން ތަންފީޒު ކުރަން ދެން މަގުމަތީގައި ތިބޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ،


ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ދިރާސާ ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އެއީ ދިރާސާކުރަންޖެހޭ އެއްޗެއް ނޫން ކަމަށާއި އަމުރު ވަގުތުން ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.

އެކަމަކު، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ނުކޮށް، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ ރޭގައި އިދިކޮޅު ފަރާތްތައް ފެށި މަސައްކަތް ހުއްޓާލާނީ ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށް ނިމުނީމަ ކަމަށެވެ.

"އަޅުގަނޑުމެން މިއޮތީ ސީދާ ރޯކޮށްލާފައި. މީތި ދާނީ ރޯވަމުން، ރޯވަމުން ގޮސް ރޯވާނީ. ފެށި މަސައްކަތް ނިންމާލާނީ ކޯޓުން ބުނާ ކަންކަން ސަރުކާރުން ތަންފީޒުކޮށް ނިމުނީމަ. ރައީސް ޔާމީންގެ ވެރިކަން ވެސް ނިންމައި، ބަދަލުކޮށްފައި،" އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމަކީ ގުޅިފައިވާ ޕާޓީތަކުން ކުރަމުން ދިޔަ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. އެހެންކަމުން މިކާމިޔާބީ ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މިހާރުން މިހާރަށް މާލެއަށް އެރުމަށް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ.

މި ކާމިޔާބަކީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށްވާތީ މުޅި ރާއްޖެ މި ކާމިޔާބީގައި ބައިވެރިވާންޖެހޭ ކަމަށާއި މިކަމުގައި ބައިވެރިވާން ގިނަ ބަޔަކު މިހާރު ވެސް މާލެ އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައްޔިތުން އުފާ ފާޅުކުރަމުން ދަނިކޮށް ކަރުނަ ގޭސް ޖަހާ ބާރުގެ ބޭނުންކޮށްގެން ބަޔަކު ހައްޔަރުކުރި ފުލުހުންނަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ތާއީދުކުރާ ފުލުހުން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ގައުމީ ފުލުހުން ތިބީ ގައުމާއެކު ކަން ރައްޔިތުންނަށް ދައްކައިދިނުމަށް ވެސް މަހްލޫފް އެދިވަޑައިގެންނެވި އެވެ.

ސުޕްރީމް ކޯޓުން ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.