ހުކުރު ދުވަހު މާލެ އަރައި ގާނޫނާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ: ޕީޕީއެމް

އިދިކޮޅު ފަރާތްތަކުގެ ބަހަށް ހެއްލި އަންނަ ހުކުރު ދުވަހު މާލެ އަރައި ގާނޫނާ ޚިލާފު އަމަލެއްކޮށްފި ނަމަ މުއައްސަސާތަކުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޕީޕީއެމުން ރޭ އިންޒާރު ދީފި އެވެ.


އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުރައްހީމް އަބްދުﷲ ވިދާޅުވީ މި މަހު 16 ގައި ރައްޔިތުން މާލެ އެރުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވަމުން ގެންދަވާ ކަމަށެވެ. އެއީ، ފެބުރުއަރީ، 8، 2013 ގައި ރައްޔިތުންނަށް "ލޮޓި ދިން ގޮތަށް" އަމަލުކުރަން ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތްކުރެއްވީ ނަޝީދުގެ ވެރިކަން ނިމުމުން މާލެ އާއި އަތޮޅުތަކުގައި ފެބްރުއަރީ 8 ގައި، މާލެ އާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ހިންގި ހަމަނުޖެހުންތަކަށެވެ.

"ދެން ގާސިމް މިހާރު މާ މައްޗަށް، ފެންމައްޗަށް އަރައިގެން އެ ވަރުގެ މީހަކު ނެތް ކަމަށް ހެދިގެން މިއުޅެނީ. ފެބުރުއަރީ 16 ގައި މާލެ އަރަން ޖުމްހޫރީ ޕާޓީގެ ނަމުގައި ވެސް ގުޅަމުން ގެންދާ ކަމަށް މައުލޫމާތު ލިބެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ބަޣާވާތް ނާކާމިޔާބުވީމަ އަނެއްކާވެސް މިއުޅެނީ ރައްޔިތުންނަށް ލޮޓިއެއް ދޭންވެގެން. އެއްގޮތަކަށް ވެސް މާލެ ވަޑައިނުގަންނަވާތި. މި ގައުމުގެ ސުލްހަވެރިކަން ގެއްލޭ ފަދަ އެއްވެސް އަމަލެއް ނުކުރާށޭ. ގާނޫނާ ޚިލާފަށް އަމަލެއްކޮށްފި ނަމަ އެ މީހަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ސާބިތުކަމާ އެކު ސަރުކާރު ދެމިއޮންނާނެއޭ."

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ނިމުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިކުރި މީހުން އަދިވެސް ތިބީ ޖަލުގައި ނުވަތަ ހުކުމްތަކުގަ އެވެ. އިދިކޮޅު މީހުންގެ އަމާޒު މިހާރު ވެސް ހުރީ އެފަދަ ހަމަނުޖެހުންތައް ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން ތަބާއަނުވެ، އަދި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފއި ވާތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑުކިއަމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންގެ އިސްތަށިފުޅުގައި ސަރުކާރުން އަޅުވަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުން ފަދަ ތުހުމަތުތަކެވެ.