ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާއިން ވަނީ މާދަމާ ހެނދުނު، މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވާނެކަން މެމްބަރުންނަށް އަންގައިފަ އެވެ. ނަމަވެސް އެ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
ބައެއް މެމްބަރުން ވިދާޅުވީ މާދަމާ އެޖެންޑާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިންގަމުން ދާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ މެދު ގޮތެއް ނިންމުން އެކަންޏެވެ. އިތުރު ކަމެއް އެޖެންޑާ ނުކުރާނެ ކަމަށް ވެސް، އިދިކޮޅު މެމްބަރުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު މަޖިލިހުގެ ދައުރެއް ހިނގަމުން ނުދާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލިސް ބައްދަލުކޮށް، އެ ގަރާރާ މެދު ވަކި ގޮތެއް ނިންމަން ޖެހެ އެވެ. މަޖިލިހުގެ ދައުރެއް ހިނގަމުން ދާ ދުވަސްވަރެއް ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރު މަޖިލިހަށް ހުށަހަޅަން ޖެހެނީ ދެ ދުވަހުގެ ތެރޭގަ އެވެ.
މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް 12 މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް، ހުރިހާ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ވެއްޖެ ނަމަ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން މަދުވެގެން 50 މެމްބަރުން ވޯޓު ދެއްވާނެ ކަން ރައީސް އަބްދުﷲ ޔާމީނަށް ސާފުކޮށް ދަންނަވަން ބޭނުންވާ ކަމަށެވެ.
މަހްލޫފް އެ އިޝާރާތް ކުރެއްވި 12 މެމްބަރުންނަކީ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މެމްބަރުންނެވެ. އެކަމަކު ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރުގައި ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެ އަމުރުގެ ބައެއް ފަހުން ބާތިލްކުރިއިރު، ވެސް މެމްބަރުންނާ ގުޅޭ އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
މަހްލޫފް ކުރެއްވި އެހެން ޓުވީޓެއްގައި ފާހަގަކުރެއްވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ޖެހޭ އެއްޗެކެވެ. މަޖިލީހުން އެކަމުގައި ގޮތެއް ނިންމޭނީ 43 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޮއިކޮޓްކޮށްފި ނަމަ، 43 މެމްބަރުން ޖަލްސާއަށް ހާޒިރު ނުވާނެ ކަމަށް ވެސް މަހްލޫފްގެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު ޖަލުގައި ތިއްބެވި މެމްބަރުން ވެސް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ކަމަށެވެ.
މިވަގުތު ޖަލުގައި ތިއްބެވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތި ދާއިރާގެ އަހުމަދު އިލްހާމެވެ. އޭގެ އިތުރުން މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ހުންނެވީ އަރުވާލެވިގެން ޖަރުމަނުގަ އެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ރައީސް ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންގާރަދުވަހު ހަމަވާނެ އެވެ. އެހެންކަމުން އޭގެ ކުރިން ރައްޔިތުންގެ މަޖިލިހުން އެ ގަރާރާ މެދު ވަކި ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން ލާޒިމް ކަމެކެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ މި މަހުގެ 5 ގައި ދަރުބާރުގޭގައި ބާއްވަން މީގެ ކުރިން އޮތީ ނިންމާފަ އެވެ. އެކަމަކު ޖަލްސާ ބާއްވަން ތާވަލުކޮށް މެމްބަރުންނަށް އެކަން އެންގުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ކެންސަލްކުރީ އެވެ. އެ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމެވެ.
ޖަލްސާތައް ނުބާއްވައި، ދިގުލައިގެން ދާތީ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުން ނަމަ، ޖަލްސާތައް ނުބާއްވައި ލަސްކުރަނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެނެވެ. އިދިކޮޅު ބައެއް މެމްބަރުން ހައްޔަރުކުރަމުން ދިޔުމަކީ އެ ކަމުގެ އެންމެ ބޮޑު ހެކި ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.