ޕީޖީގެ ވަކީލުންގެ ޕެޓިޝަން ބަލައެއްނުގަންނާނަން: ނިހާން

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި މައްސަލާގައި އެކަމަނާގެ ވިސްނުން ބަދަލު ނުކުރުމަށް އެދި ޕީޖީގެ އޮފީހުގެ ވަކީލުން ހެދި ޕެޓިޝަނާ މެދު ހިތާމަކުރައްވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ޕެޓިޝަނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ކުއްލި ނުރައްކަލުގެ ހާލަތާ މެދު މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެހެންވެ ކުއްލި ހާލަތުގެ ދަށުން މީހުން ބަންދުގައި ބޭތިއްބޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޕީޖީ ބިޝާމް ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފަ އެވެ. އަދި ބިޝާމްގެ އެ ވިސްނުން ބަދަލު ނުކުރުމަށް އެދި އެ އޮފީހުގެ ބައެއް ވަކީލުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.

މިކަމާ ގުޅިގެން ނިހާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޖިލީހުގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ދައްކަން ޕެޓިޝަންގައި ސޮއިކުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ޕީޕީއެމް އަދި އެމްޑީއޭގެ ޕާލިމަންޓްރީ ގުރޫޕުން އެކަން ބަލައިނުގަންނަ ކަމަށެވެ.

ނިހާންގެ ޓްވީޓްގައި ވަނީ މަޖިލީހުގެ އެ ނިންމުން ސައްހަ ކަމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ސުޕްރީމު ކޯޓުން ނެރެފައިވަނީ މަޖިލީހުގެ އެ ނިންމުމާމެދު ލަފައެއް ދެވެންދެން، އެއަށް އަމަލުކުރުމުގެ ވަގުތީ އަމުރެކެވެ.

ބިޝާމް ފުލުހުންނަށް ފޮނުއްވި ސިޓީއާ ގުޅިގެން ޕީޕީއެމުން ކުރިން ވެސް ވަނީ ފާޑު ކިޔައިފަ އެވެ. އެ ޕާޓީން ބުނީ އެއީ ޕީޖީ އަށް ނިންމެވޭނެ ކަމެއް ނޫން ކަމަށެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ނިންމުން ސައްހަތޯ ކަނޑައެޅުމުގެ ބާރު ޕީޖީއަށް ލިބިގެން ނުވާކަމަށާއި އެ ބާރު ހަމައެކަނި އޮތީ ސުޕްރީމު ކޯޓަށް ކަމަށެވެ.

"ޕީޖީ ވިދާޅުވިޔަސް، އެހެން ބޭފުޅަކު ވިދާޅުވިޔަސް، ފުލުހުންނާއި ސިފައިން ނުޖެހޭނެ ޣައިރު ގާނޫނީ އަމުރަށް ނޫނީ ގާނޫނުއަސާސީއާ ހިލާފު އަމުރަށް ތަބާވާކަށް،" އަބްދުއްރަހީމް ވިދާޅުވެފައި ވެ އެވެ.

މި މަހުުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމައިފަ އެވެ. ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށް ވާއިރު ގަރާރު ފާސްކޮށްފައި ވަނީ އެއީ ރައްޔިތުން އަމަލުކުރަން ލާޒިމް ނުވާ އެއްޗެއްގެ ގޮތުގައި ބަލައިފަ އެވެ.