ޕެޕާ ސްޕްރޭ ޖެހުމުން މީހެއްގެ ހާލު ދެރަވެ އައިސީޔޫގައި

އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި އެއްވުމުގައި ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.


ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ، މ. ކުނޫޒު ކައިރިއަށް އެއްވި ބައެއް މީހުން ދުރުކުރުމަށް ރޭ ދަންވަރު ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ހާލު ދެރަވެފައިވަނީ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ ސަލީމް، 43، އެވެ.

އަބްދުﷲގެ ބޭބެ އަހުމަދު ސަލީމް މިއަދު ބުނީ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އަބްދުﷲ ފިޓު ޖެހިފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗު އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އޭނާ ބުންޏެވެ.

ކުނޫޒް ތެރޭގައި ހުއްޓާ ޕެޕާ ސްޕްރޭ ޖެހުމުން ހާލު ސީރިއަސްވި އަބްދުﷲ ނަގައިގެން ގެންދަނީ

"ހާލު ވަރަށް ސީރިއަސް. އޭނާއަށް ވަރަށް ބޮޑަށް ޕެޕާ ސްޕްރޭގެ އަސަރުކޮށް، ނޭވާ ނުލެވޭ." އަހުމަދު ސަލީމް ބުންޏެވެ.

މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި އަބްދުﷲގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހީ އޭނާ ކުނޫޒުގެ ތެރޭގައި ހުއްޓަ އެވެ. އެ ތަނުގެ ތެރޭގައި ތިބި މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އަބްދުﷲ ވެއްޓުނު ކަމަށާއި އެ ވަގުތު އޭނާގެ އަނގަޔަށް ވަރަށް ބޮޑަށް ޕެޕާ ސްޕްރޭގެ އަސަރު ކުރި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

އަބްދުﷲ ވެއްޓުމުން އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ އެމްބިއުލާންސެއްގަ އެވެ.

ޖަލުގައި ތިބި ބައެއް މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި އެއްވުން ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ. އަދި އެ އެއްވުމުގައި ބައެއް މީހުންނަށް އަނިޔާވި އިރު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ އެތަނުން ހައްޔަރުކޮށްފަ އެވެ.