ކުނޫޒުތެރެއަށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ އެންއައިސީއަށް

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ތިބި މީހުންގެ ގަޔަށް ރޭ ފުލުހުން ޕެޕާ ސްޕްރޭ ޖެހި މައްސަލަ އެ ޕާޓީން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މިއަދު ހުށަހަޅައިފި އެވެ.


އެންއައިސީއަށް މިއަދު ޖޭޕީން ފޮނުވި ސިޓީގައި ބުނީ ހުއްދަ ނުހޯދައި ރޭ ފުލުހުން ކުނޫޒަށް ވަދެ، އެތަނުގައި ތިބި މީހުންނަށް އަނިޔާކުރީ ގަސްދުގައި ކަމަށެވެ. އެގޮތުން އެ މީހުން ހިފަހައްޓައި، މޫނަށާއި ލޮލަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހީ ފޫޓެއްހާ ކައިރިން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އަދި މިއީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށް ސިފަކޮށް، މައްސަލަ ބަލައިދިނުމަށް ޖޭޕީން ވަނީ އެދިފަ އެވެ.

ކުނޫޒް ތެރޭ ޕެޕަސްޕްރޭ ޖެހުމުން އަނިޔާވި މީހަކަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ

ފުލުހުން ރޭ ދަންވަރު ކުނޫޒު ތެރެއަށް ވަދެ، ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ތިން މީހަކަށް އަނިޔާވެފައިވެ އެވެ. އަދި ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހާލު ސީރިއަސްވި، އަބްދުﷲ ސަލީމް ގަޔަށް ޕެޕާ ސްޕްރޭ ޖެހުމުން ފިޓު ޖެހި ހޭނެތުނު ކަމަށާއި އެކަމަކު ފުލުހުން އޭނާ އެތަނަށް ދޫކޮށްލާފައި ދިޔައިރު، އަބްދުﷲއަށް އެހީތެރިވެދެވޭނެ ފަދަ ހާލަތެއްގައި އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ޖޭޕީން ބުންޏެވެ. އަދި އެއީ ގަސްދުގައި މީހަކަށް އެހީތެރިނުވުމުން މީހެއްގެ ފުރާނައަށް ގެއްލުން ލިބިދާނެ ފަދަ ހާލަތެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"...އިންސާނިއްޔަތަށްޓަކައި ވެސް އެހީތެރިވުމުގެ މަގްސަދު އެ ފުލުހުންގެ ކިބައިގައި ނެތް ކަމުން މިއަދު އަބްދުﷲ އެދަނީ އައިސީޔޫގައި ފުރާނައާ ހަނގުރާމަކުރަމުންނެވެ." އެންއައިސީއަށް ޖޭޕީން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.

އެ ސިޓީގައި ބުނީ ފުލުހުންނަކީ ގައުމީ މަސްލަހަތުގައި، ރައްޔިތުންނަށް ހިދުމަތްކޮށް ކުށްތަކުން ސަލާމަތްކޮށްދިނުމުގެ ޒިންމާ އަދާކުރުންމަތީ ތިބެން ޖެހޭނެ ބައެއް ކަމަށެވެ. އެކަމަކު ރޭ ފުލުހުންގެ އަމަލުތައް އެއާ ދިމާ އިދިކޮޅަށް ހުރުމުން، މި ފަދަ ފުލުހުން ހިދުމަތުގައި ތިބުމަށް އެކަށީގެންވާ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިނުވާ ކަމަށް ވެސް ޖޭޕީން ބުންޏެވެ.

އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ކުނޫޒުގެ ތެރެއަށް ވަދެ ޕެޕާ ސްޕްރޭ ޖެހީ އާދަޔާހިލާފު ގިނައިން، ވަރަށް އަނިޔާވެރިކޮށް ކަމަށް އޭރު އެތަނުގައި ތިބި މީހުން ބުނެ އެވެ.