ގާސިމް އެ އިއުތިރާފްވީ ވެރިކަން ވައްޓާލަން އުޅުނު ކަމަށް: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް އިބްރާހިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެވުނު ބަސްފުޅަކީ، ރާއްޖޭގެ ވެރިކަން ވައްޓާލަން އަމިއްލައަށް މަސައްކަތް ކުރެއްވިކަމުގެ އިއުތިރާފެއް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.


ރާއްޖެ ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް އެއް ފަހަރު ވިދާޅުވީ "އަޅުގަނޑުމެން ފެބްރުއަރީ 1 ގައި ހުކުމެއް ނެރުނީމަ ކަމަކު ނުދިޔަ" ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރެއްވީ ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރަށެވެ.

މި ވަގުތު ޖަރުމަނުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އަމަލްނުކުރުމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރުން ފަދަ އެތައް ކަމަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އެއްވެސް ގާނޫނެއް ނުހިނގާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ތިބީ ކޮން ކަމެއް ކުރަންތޯ ވެސް ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އޮތީ ވަރަށް ފުރިހަމަ ގާނޫނުއަސާސީއެކެވެ. އަދި ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ މީހަކު ވެސް އެއަށް އަމަލްކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ގާސިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ވިދާޅުވީ ފެބްރުއަރީ 1 ގެ އަމުރު ނުކުތް ފަހުން އޭގެ އަޑީގައި ހުންނެވީ ގާސިމް ކަމަށެވެ. މިއީ އިދިކޮޅު ލީޑަރުން ގުޅިވަޑައިގެން ކުރެއްވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އޭނާ ގޮވާލެއްވީ "ގެނެވުނު ގޮތަކަށް" ގާސިމް ރާއްޖެ ގެނެސް، ހައްޔަރު ކުރުމަށެވެ.

"ރާއްޖޭގައި ވެރިކަމެއް މީހަކަށް ކުރެވޭކަށް ނެތް. ރާއްޖޭގެ ތަރައްގީއަށް މަސައްކަތެއް ކުރެވޭކަށް ނެތް. ރާއްޖޭގައި މީހަކަށް އަމާންކަމާ އެކީގައި އުޅެވޭކަށް ނެތް ގާސިމް ވެރިކަމަށް ދަހިވެތިވެފައި ހުރިވަރުން. ވަރަށް ދެރަވޭ މިގޮތަށް ވާހަކަ ދައްކަން ޖެހޭތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމްގެ މުޅި މުދާ ހޭދަކުރައްވައިގެން ކުރައްވާ މަސައްކަތާ މެދު ދިވެހިން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

މާލެ ހަލަބޮލި ކުރުމުގެ އަޑީގައި ވެސް ހުންނެވީ ގާސިމް ކަމަށް ތުހުމަތުކުރައްވައި އަބްދުއްރަހީމް ވަނީ އެކަންކަމާ ދެކޮޅަށް ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅަން ފުލުހުންނާއި ސިފައިންނަށް ގޮވާލައްވައިފަ އެވެ.