ގާސިމް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ނުވާ ގޮތަށް ހުކުމެއް އައުމުން ތަންފީޒު ނުކުރެއްވި ވާހަކަ: ޖޭޕީ

މި މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅު އޮޅުވާލައިގެން ފަތުރަމުންދާ ކަމަށާއި އެމަނިކުފާނު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ގޮތަކަށް ހުކުމެއް އައުމުން ތަންފީޒު ނުކުރެއްވި ވާހަކަ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.


ރާއްޖެ ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި، ގާސިމް އެއް ފަހަރު ވިދާޅުވީ "އަޅުގަނޑުމެން ފެބްރުއަރީ 1 ގައި ހުކުމެއް ނެރުނީމަ ކަމަކު ނުދިޔަ" ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރެއްވީ ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރަށެވެ.

ގާސިމަށް ވިދާޅުވެވުނު އެ ބަސްފުޅަކީ، ރާއްޖޭގެ ވެރިކަން ވައްޓާލަން އަމިއްލައަށް މަސައްކަތް ކުރެއްވި ކަމުގެ އިއުތިރާފެއް ކަމަށް ޕީޕީއެމުން މިއަދު ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުން އެ ހުކުމް ނެރުނީ، ސަރުކާރުން އުފައްދާފައި ހުރި ބޮޑެތި މައްސަލަތަކެއްގެ ހައްލުތަކެއް ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ކަމަށް ގާސިމް މާނަކުރެއްވުމުން އެ ވާހަކަ އޮޅުވާލާފައިވާ ކަމަށެވެ. ޕީޕީއެމުގެ ބޭނުމަކީ ފިތުނަ އުފެއްދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމް ފާހަގަކުރެއްވީ، ތިމަންނާމެންނާ އެއްކޮޅަށް ކަމެއް ނިމުނީމާ، އެކަން ބަލައި ނުގަނެވުނޭ މި [ސަރުކާރުގެ] ބޭފުޅުންނަށް. އަޅުގަނޑު ދަންނަވާނީ ގާސިމް އެ ވިދާޅުވީ، ކޮންމެ ގޮތަކަށް ވިދާޅުވި ކަމުގައި ވި ނަމަވެސް އަޅުގަނޑުމެން ބުރަ މަސައްކަތްކޮށްގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ހައްލުތަކެއް ގެނެވިއްޖެޔޭ. އެ އަމުރުތަކަށް ތަބާވާން ރައީސް ޔާމީނަށް ކެރިވަޑައިނުގެންނެވި ވާހަކަ،" ސަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި މީހުން މަރަމުންދާ މައްސަލައާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަމުން "އަޅުގަނޑުމެން" ބޭނުންކުރެއްވި ކަމަށާއި އޭގެ މާނައަކީ މިހާތަނަށް މަރާލާފައިވާ އެންމެންގެ މަރުގެ ޒިންމާ އެމަނިކުފާނު ނެންގެވުންތޯ ސަމީރު ސުވާލު ކުރެއްވި އެވެ.

ގާސިމް ދެއްކެވި ވާހަކައިގެ މާނަ އޮޅުވާލައިގެން ދައްކަނީ، ސަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ދިފާއުގައި ޕީޕީއެމން ވާހަކަ ދައްކަވާ ބޭފުޅުންނަށް ކަންކަން އެނގިވަޑައިނުގަންނަވާތީ އެވެ. ފެބުރުއަރީ 1ގެ ހުކުމަކީ، ސިޔާސީ ޕާޓީތަކާއި އާއްމު ރައްޔިތުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ލބިގެން ދިޔަ ހުކުމެއް ކަމަށް ސަމީރު ވިދާޅުވި އެވެ.

އެ ހުކުމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ކަން ސަމީރު ފާހަގަކުރެއްވި އެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ، ސަރުކާރުގެ ނުފޫޒު އިލެކްޝަންސް ކޮމިޝަނަށް ފޯރުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިފައިން މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރުން ވަނުން މަނާކުރި މައްސަލާގައި، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެން އިހްތިޖާޖުކުރައްވައި ފަނޑިޔާރުންނާ ބައްދަލުކުރައްވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެ ނޫން މައްސަލަތަކެއް އިދިކޮޅު ޕާޓީތަކުން އަދި ވަކިވަކި މައްސަލަތަކެއް ޖުމްހޫރީ ޕާޓީގެ ފަރާތުން ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ގާސިމް އިބްރާހީމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުއްވާނެ ބޭފުޅެއް ނޫނެވެ. އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަ ޖެނެރަލް، އަހްމަދު ޝިޔާމް ދަންވަރުގެ ވަގުތުތަކުގައި ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެވަޑައިގަތް މަންޒަރުތަކަކީ އާއްމުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލަތަކެއް ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަރުކާރަށް ފަހިވާގޮތަށް ސުޕްރީމް ކޯޓުން އޭރު ހުކުމްތައް ނެރެމުން ދާތީ ފާޑުކިއުން އަމާޒުކުރުމުން، އެހެން ގޮތަކަށް ނެރުއްވިޔަސް ތަންފީޒުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ސަރުކާރު ބޭނުން ނުވާ ކަހަލަ ހުކުމެއް އައުމުން ތަންފީޒު ކުރައްވަން ކެރިވަޑައިނުގެންނެވި ކަަމަށް ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމްއޭ ކިޔައިގެން ޕީޕީއެމުން ދައްކާ ވާހަކަތަކަކަށް ޖެހިލުންވެ، އިދިކޮޅު ފަރާތްތަކުގެ އިސްލާހީ މަސައްކަތަށް އަންނާނެ އެއްވެސް ހީނަރު ކަމެއް ނޯންނާނެ ކަމަށެވެ. ގާސިމް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެ މަސައްކަތް ހުރިހާ ރައްޔިތުން ވެސް ބަލައިގަންނަ ކަމަށް ސަމީރު ވިދާޅުވި އެވެ.