ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް ޕީޖީ އަށް ފޮނުވަނީ

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.


ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެހެން ވިދާޅުވި ނަމަވެސް، އެ މައްސަލަތަކާ ގުޅޭ ތަފުސީލެއް ނުދެ އެވެ. އެއީ ނޫސްވެރިންނަށް ސުވާލުކުރުން ބަންދުކޮށްގެން ބޭއްވި ނިއުސް ކޮންފަރެންސަކަށް ވާތީ އެކަމާ ގުޅޭ ސުވާލުތައް ކުރުމުގެ ފުރުސަތެއް ނެތެވެ.

ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރުގެ ނަތީޖާ އަކީ، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

އެ މައްސަލައިގެ ތުހުމަތު 10 މީހަކަށް ކުރާއިރު، މިއަދުގެ ނިއުސް ބްރީފިންގައި ޝިފާން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާ ގުޅޭ ބަޔަށެވެ.

ޝިފާން ވިދާޅުވީ، މައުމޫނާއި ފާރިސް އާއި ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކި ވަނީ ލިބިފައި ކަމަށެވެ. މީގެ އިތުރުން، އެ ތިން ބޭފުޅުން އިސްވެ ތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމަށް ޖުލައި 24، 2017 ގައި މަސައްކަތް ކުރި ކަމުގެ ހެކި ވެސް އެބަހުރި ކަމަށް ފުލުހުން ބުނެ އެވެ.

ޝިފާން ވިދާޅުވި ގޮތުގައި މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށް ފަހު، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އަމިއްލަ މަސްލަހަތު އިސްކުރައްވައި ވަކި ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަން ކުރުމަށް މަސައްކަތް ކުރައްވައި ގާޒީންނަށް ނުފޫޒު ފޯރުވާފައިވެ އެވެ.

"އަދި ތަހުގީގު ކުރެވެމުން ދިޔަ ހެކި، އަނބުރާ އެ ނިސްބަތްވާ ފަރާތްތަކަށް ރައްދު ކުރުމަށް އަމުރު ނެރެ އަދި ބައެެއް ފަރާތްތަކަށް މި ނުފޫޒުގެ ތެރެއިން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތްތަކެއް ކޮށްދީފައިވާކަން ތަހުގީގުން ފާހަގަކުރެވިފައި އެބަހުރި،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދު ރާއްޖޭން ބޭރުން ފްލެޓު ބައްލަވައިގަންނަން، ރާއްޖޭގެ ބޮޑު ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް، ތުހުމަތުތަކެއް އެކުލެވޭ ގޮތަށް ދީފައިވާ ކަމަށެވެ. އެކަމުގެ ޑޮކިއުމެންޓްރީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނެފައި ވަނީ ރާއްޖޭގެ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި އަލީ ހަމީދަށް ދީފައިވާކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރަށް ވެސް ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ.

ޝިފާން މިއަދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭން ބޭރުން އަގު ބޮޑެތި ފުލެޓުތައް ގަންނަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދަށް ފައިސާގެ އެހީ ދީފައި ވަނީ ރާއްޖޭގެ ބޮޑު އެހެން ކުންފުންޏަކުންނެވެ. އެކަމަކު އެ ކުންފުނީގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޝިފާން ވިދާޅުވީ، އެ ބޭފުޅުން ރާއްޖެ އިން ބޭރުގައި ވެސް މުއާމަލާތުތަކެއް ކުރައްވާފައިވާތީ، ފުލުހުންގެ ޓީމުތައް އެ ގައުމުތަކަށް ފޮނުވައިގެން ތަހުގީގު ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އެ ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން ގަނެފައިވާ މުދަލާއި ފްލެޓުތަކުގެ މައުލޫތާއި އެކަމާ ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ފުލުހުން ދަނީ ހޯދަމުން. އަދި މި މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން ހޯދަން ބޭނުންވާ މުހިންމު ބައެއް ސާމާނާ ބެހޭ މައުލޫމާތު ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. ޚާއްސަކޮށް އަޅުގަނޑު މި ފާހަގަކުރި ތަންތަނާއި މި ބޭފުޅުން ނިސްބަތްވާ އެކި ތަންތަނާއި ތަކެތި ޔަގީން ކުރެވި، ތަހުގީގުގެ ތެރެއިން މިކަންކަން ކުރެވިފައިވާ ގޮތް ކަށަވަރު ކުރެވިފައިވާ ކަން ފާހަގަކޮށްލަން،" ޝިފާން ވިދާޅުވި އެވެ.