އިންޓެގްރިޓީ ކޮމިޝަނަށް ސުލައިމާން އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސުލައިމާންގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ. ސުލައިމާންގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާ އަށް ލިބިފައިވަނީ 75.89 ޕަސެންޓް މާކުހެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ.

ސުލައިމާނަށް އެ ވަރަށް މާކްސް ލިބިވަޑައިގަތީ އޭނާގެ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލުކަމާއި ހުނަރަށް ބެލުމަށް ފަހު ކަމަށް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސުލައިމާން އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އޭނާ މިހާތަނަށް މީޑިއާގައި ހާމަ ކުރައްވައިފައެއް ނުވެ އެވެ. ސުލައިމާން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލައިގައި އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

އެންއައިސީ އަށް ސުލައިމާން އައްޔަން ކުރަން މި ފާސް ކުރީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. މާނިއު އެ މަގާމުން ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެ ކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޔާމީން ހުށަހެޅުއްވި މ. ފޭމަންސް އިބްރާހިމް އުވައިސް އަށް ރުހުން ދޭން 31 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ. އޭނާގެ ނަން ދިރާސާ ކުރި ގައުމީ ސަލާމަތުގެ ކޮމެޓީން ވެސް ވަނީ އުވައިސް އަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައިފަ އެވެ.

އުވައިސް ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ފަސްޓް ސެކްރެޓަރީގެ މަގާމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އަދި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ ކަން ވެސް އުވައިސް ކުރެއްވި އެވެ.

ޖަޕާނު ސަފީރު ކަމުގައި ކުރިން ހުންނެވީ، ސްރީ ލަންކާ އިން ރާއްޖެ އަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ހަފުތާގައި ފެށުނު ފަހުން، މަޖިލީހުގެ އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު އެ މެމްބަރުން ކޮމެޓީތަކަށް ވަޑައިގަންނަވަ އެވެ.