17 މީހަކު ހައްޔަރު ކުރި، ރިޔާޒް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން

މާލޭގެ މަޖީދީ މަގުގައި އިދިކޮޅު ފަރާތްތަކުން އިއްޔެ އާއި ރޭ ކުރި މުޒާހަރާއާ ގުޅިގެން 17 މީހަކު ހައްޔަރު ކުރިއިރު، އޭގެ ތެރެއިން ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް އޭނާގެ ވަކީލަށް ފުލުހުން އަންގައިފި އެވެ.


މުޒާހަރާއާ ގުޅިގެން ރިޔާޒްގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ހައްޔަރު ކުރި އެވެ. އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކައިލް ނަސީމާއި އިދިކޮޅު މުޒާހަރާތަކުން އާންމުކޮށް ފެންނަ މޫނެއް ކަމަށްވާ އެމްޑީޕީ އެކްޓިވިސްޓް ނައިމާ މުހައްމަދު (ނައީމައްތަ) ވެސް ހައްޔަރު ކުރި މީހުންގެ ލިސްޓުގައި ހިމެނެ އެވެ.

މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ލަތީފް ހައްޔަރުކޮށްގެން ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގާނޫނީ ވަކީލު ހިސާން ހުސެއިން "މިހާރު" އަށް މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ރިޔާޒަށް ކުރާ ތުހުމަތެއް ފުލުހުން އަންގާފައިނުވާ ކަމަށެވެ.

"ތިން މެމްބަރުން ވެސް ވަކީލުންނާއެކު ބައްދަލުވުން ވަނީ ބާއްވާފައި. ރިޔާޒް ފިޔަވައި، ދެން ތިބި މެމްބަރުން ހައްޔަރުކުރީ އާންމު ޕްރޮސެސްގެ ދަށުން ކަމަށް ވަނީ އަންގާފައި،" ހިސާން ވިދާޅުވި އެވެ.

ރިޔާޒަށް ފުލުހުން ކުރަމުން އަންނަ ތުހުމަތެއް މިހާތަނަށް އަންގާފައި ނުވި ނަމަވެސް، ލަތީފް އާއި ޝާހިދަށް ތުހުމަތު ކުރަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތު ކަމަށް ހިސާން ވިދާޅުވި އެވެ.

ރިޔާޒް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރިއިރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވެސް ހައްޔަރުކޮށްފައި ވަނީ ހަމަ އެ ހާލަތުގެ ދަށުންނެވެ. އެހެންކަމުން، ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ ފަހުކޮޅު ނިމެންދެން، ދެ މެމްބަރުން ބަންދުގައި ބަހައްޓާނެ ކަމަށް ބެލެވެ އެވެ. މަހްލޫފް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުން އެ މުއްދަތު އިތުރުކުރިތާ ދެ ދުވަސް ފަހުންނެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަޖީދީ މަގުގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް އާންމުންނަށް އަނިޔާވެގެން ފަރުވާ ދޭން ޖެހުނެވެ. އެކަމަކު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.