ފެބްރުއަރީ 1 ގެ ހުކުމް ތަންފީޒު ކުރަން ގޮވާލައި ލަންކާގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފި

އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި ސްރީ ލަންކާގައި އިދިކޮޅު ފަރާތްތަކުން މިއަދު ހެނދުނު މުޒާހަރާ ކޮށްފި އެވެ.


ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީގައި ކުރި މި މުޒާހަރާގައި 100 ވަރަކަށް ދިވެހިން ބައިވެރިވި އެވެ. އެ ހުރިހާ އެންމެން ވެސް ތިބީ، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންނާއި ފުލުހުން ދޫކޮށްލަން ގޮވާލައި ލިޔެފައިވާ ބޯޑުތަކާއި ބެނާތައް ހިފައިގެންނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ވެސް އަޑު އުފުލި އެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް މީހުން އެމްބަސީގެ ދޮރުމަތީގައި އިށީނދެގެން ތިބި އިރު، އެ ތަނުގެ ޓްރެފިކް ބެލެހެއްޓުމަށް ލަންކާ ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.

މި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ ބައެއް ނިންމުންތަކާ މެދު ގިނަ މީހުން ހިތްހަމަ ނުޖެހޭ ކަމަށާއި އެކަން އިސްލާހު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނުރައްކާ އޮތީ އެ އަމުރު ތަންފީޒު ނުކުރާ ނަމަ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ވީ އެންމެ އަވަހަކަށް އެ އަމުރު ތަންފީޒުކޮށް، ހުކުމް ކޮށްފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް އޭނާ ގޮވާލެއްވި އެވެ.

މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކެނޑި ނޭޅި ސަރުކާރަށް ގޮވަމުން ދިޔަ ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ބާކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ސިޔާސީ އިދިކޮޅު އިސް ބޭފުޅުން ހިމެނޭ ގޮތުން ނުވަ ގައިދީ އަކު ދޫކުރުމަށް އެ އަމުރުގައި ބުނާ ބައި ބާތިލް ކޮށްފަ އެވެ. އެހެންވެ ދެން އެ ބަޔަށް އަމަލު ކުރަން ނުޖެހޭ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލަންކާގެ މުޒާހަރާ ކުރިން ރޭވީ މަގުތަކުގައި ހިނގާ ގޮތަށެވެ. އެކަމަކު ފަހުން ނިންމީ އެމްބަސީ ކުރިމަތީގައި ތިބެގެން އަޑު އުފުލާ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އިތުރުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވަ އެވެ. އަދި އެންމެ ފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް ވެސް އެ މައްސަލާގައި މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހުރިހާ ބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި ދިވެހިންތަކެއް ލަންކާގައި މުޒާހަރާ ކުރަނީ