ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ރާއްޖެއިން ބޭރުން ހެދުމަށް ފަހު ރާއްޖެ ގެނެސް، ވަޅުލައިފި އެވެ.
ޝާހިދާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދީ އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސްގެންނެވެ. ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު ރާއްޖެ ގެނެސް، ވަޅުލީ ރޭގެ ވަގުތެއްގަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޝާހިދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ ފަތިސް ނަމާދުން ފައިބައިގެން އައިތަނާ އޭނާގެ ފިރިމީހާއަށެވެ. އެރޭ އޭނާ ނަމާދަށް ދިޔައިރު ޝާހިދާ އޮތީ ނިދާފައި ކަމަށް އާއިލާއިން ބުނެ އެވެ. އެކަމަކު ގެއާ ކައިރީގައި ހުންނަ މިސްކިތުގައި ފިރިމީހާ އިންއިރު ޝާހިދާ ރޯ އަޑު އިވުނު ކަމަށް ފިރިމީހާއާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.
އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.