މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވައިލުމަށް ކޮމިޓީން ބިލް އިސްލާހުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.


ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވިދާޅުވީ ކޮމެޓީން ބިލް ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގި ކަންކަމަށް ބިލްގެ ބާރު ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު، ކޮމިޓީ ރިޕޯޓު އަދި ހާމަކޮށްފައި ނުވާތީ ބިލަށް ގެނައި ބަދަލުތައް އަދި އެނގިފައެއް ނުވެ އެވެ.

ބިލުގައި ފާހަގަ އެ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހަށެވެ. އެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސްވަންދެން ކަމަށާއި އެއީ މުހިންމު ގާނޫނެއް ކަމަށް ވެސް އެ ދުވަހު ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އެކަމަކު، މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ ޕާޓީ ބަދަލުކުރާ މެމްބަރުން ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން އޭރު ކަނޑައަޅާފައި އޮތަސް، އެއްވެސް މެމްބަރެއްގެ ގޮނޑި އެ ހުކުމުގެ ދަށުން ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ. އެކަމަކު، ކޯޓުން ފަހުން ވަނީ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް ބާތިލެއް ނުކުރެ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތަށް ބިލު އިސްލާހު ކުރިއިރު، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނުނިމެ އެވެ.

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.

ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ.

ބިލަށް ތަޅުމުގައި ބަހުސް ކުރެއްވި ޕީޕީއެމްގެ ގިނަ މެންބަރުން ވަނީ އެންޓި ޑިފެކްޝަން ބިލާ މެދު ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަ ކުރައްވައިފަ އެވެ. ބައެއް މެމްބަރުންގެ ކަންބޮޑުވުމަކަށްވީ އެ ބިލު ގާނޫނަކަށް ވުމަށް ފަހު ގަވައިދުތައް ހެދުމުގެ ބާރު އިލެކްޝަނާ ހަވާލުކޮށްފައި އޮތް މާއްދާއަށެވެ.