ރައްޔިތުންގެ އަޑު ރައީސް ޔާމީނަށް މިރޭ އިއްވާނެ: އިދިކޮޅު

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބާއްވާ "ބޮޑު މުޒާހަރާ"ގައި، ރައްޔިތުންގެ އަޑު ރައީސް އަބްދުﷲ ޔާމީނަށް އިއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.


"ހުއްޓުވާ" ނަމުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ މުޒާހަރާ ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގަ އެވެ. ފަހަކަށް، އައިސް އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކުހެން، އެ ސަރަހައްދުގައި މުޒާހަރާތައް ބޭއްވި ނަމަވެސް، ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އަދި މިއަދު ބާއްވާ ބޮޑު މުޒާހަރާއަށް ވެސް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ އަދި އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އިގްތިސާދު އިނދަޖެހި، ފައިސާގެ ދަހިވެތިކަމުގައި ބޭރުގެ ގައުމުތަކުގެ އުނގަށް ދައުލަތް ވައްޓާލާފައިވާ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގަނީ އެތައް މިލިއަން ޑޮލަރެއް އަގުބޮޑުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ކުރެވޭއިރު، އެކަން ބެލޭނެ މިނިވަން މުއައްސަސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ހުއްޓުވަން ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅި ގައުމު ވެރި މީހާގެ މުށުތެރެއަށް ލަމުންދާތީ، އެކަން ހުއްޓުވަން ރައްޔިތުން ނިކުންނަން ޖެހޭނީ އާ ހިތްވަރަކާއެކުގަ އެވެ. އަދި މިރޭގެ މުޒާހަރާއަށް އެތައް ހާސް ބަޔަކު ރަށްތަކުން އައިސްފައިވާ ކަމަށާއި މި މުޒާހަރާ ވަރުގަދަ ވާނެ ކަމަށް އަމީތު ވިދާޅުވި އެވެ.

"މިރެއަކީ ދިވެހި ރައްޔިތުންގެ އަޑު ޔާމީނަށް އިއްވާނެ ރެއެއް، ދިވެހި ރައްޔިތުން އެދޭ އެދުންތަކުގެ ވާހަކަތައް ޔާމީނާ ހަމައަށް ފޯރުކޮށްދޭނަން. ޔާމީނަށް މަޖުބޫރުވާނެ މި އަޑުތައް އައްސަވަން،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އަޑު އަހަން ރައީސް ޔާމީނަށް މަޖުބޫރުވެ ވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޔާމީން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް ޔާމީން ވެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީއަށާއި ރައްޔިތުންގެ ފަރުދީ ހައްގުތަކާއި ބައިތުލްމާލަށް އެންމެ ބޮޑު އުދުވާނަށް ކަމަށެވެ. އެހެންވެ، ރައީސް ޔާމީން ހުއްޓުވަން ނިކުންނަން ޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ދައުލަތް ސަލާމަތް ކުރުމަށް، އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމަށް، ގާނޫނުއަސާސީ ރައްކާތެރިކުރުމަށް ރައީސް ޔާމީން ހުއްޓުވުމަކީ ވާޖިބެއް ކަން އެންމެން ގަބޫލުކުރާ ހިސާބަށް ގޮސްފި،" އިމްތިޔާޒް ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ މީހަކު ދައްކާހާ ބިރަކަށް ރައްޔިތުން ބިރުގަންނަން ނުޖެހޭ ކަމަށާއި ދައްކާ ބިރަށް ފަހަތަށް ޖެހޭނަމަ، ގައުމު އޮޔާ ދާނެ ކަމަށެވެ. މިއީ ވަކި ބައެއްގެ ގައުމެއް ނޫން ކަމަށް ވެސް ފައިސަލް ނަސީމް ވިދާޅުވި އެވެ.