ސަރުކާރުގެ މަޑުމައިތިރި ކަމަކީ ބަލިކަށިވުމެއް ނޫން: އާޒިމާ

ސަރުކާރުގެ މަޑުމައިތިރި ކަމަކީ ބަލިކަށިވުން ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާއާ ގުޅިގެން ޕީޕީއެމުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ސަރުކާރުން ކުރަން ޖެހޭކަމެއް ކުރާނެ ކަމަށާއި ގާނޫނާ ހިލާފަށް ކުރާ ކޮންމެ ކަމެއް ހުއްޓުވާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކީ ވެސް ގާނޫނާ ޚިލާފު އަމުރެއް ނަމަ މިސަރުކާރުން އެކަން ތަންފީޒު ނުކުރާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރެއްވުމަށް އަމުރެއް ކުރެއްވިޔަސް މިހާރު އޮތް ގާނޫނުއަސާސީގެ ދަށުން އެއީ ކުރެވެން އޮތް ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އެކަން ވެސް ތަންފީޒެއް ނުކުރާނަން." އާޒިމާ ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަން ކުރުމަށް މިދިޔަ މަހުގެ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް، ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ.

އެ އަމުރުގެ އެ ބައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކޮށްފައިވާތީ އެ އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ގާނޫނުއަސާސީގައި އެއްވެ އުޅުމާއި ބަސް ބުނުމުގެ މިނިވަން ކަން ފަދަ ހައްގުތައް ލިބިގެންދާއިރު ސަރުކާރުން އެ ކަންކަމަށް ހުރަސް އަޅާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އާޒިމާ މިރޭ ވިދާޅުވީ ސަރުކާރުގެ އޮނިގަނޑު އޮންނާނީ ވަކި މާއްދާއެއް ތަރުޖަމާ ކޮށްގެން ތަންފީޒު ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ.