ނޫސްވެރިޔާ ވިސާމާއި އާމިރުގެ ބަންދަށް 10 ދުވަސް ޖަހައިފި

ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލާގައި ހައްޔަރު ކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި އާމިރު ސަލީމް 10 ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.


ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލާގައި ވިސާމާއި އާމިރު ރޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މީހުން 10 ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ ބަންދާ މެދު ގޮތެއް ނިންމަން މިއަދު މެންދުރު ކޯޓަށް ގެންދިއުމުންނެވެ.

ވިސާމާއި އާމިރުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ވެސް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ފަޒީން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އަދި ކޯޓަކަށް ނުގެންދެ އެވެ.

އިންޒާރު ދޭ ވީޑިއޯގެ މައްސަލާގައި ވިސާމާއި އާމިރު ރޭ ހައްޔަރުކުރީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމުގެ ތުހުމަތު ރާއްޖެ ޓީޥީގެ މައްޗަށް ކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރާއްޖެ ޓީވީން ބުނެފައިވަނީ ގާނޫނާ ޚިލާފް އެއްވެސް ކަމަކަށް އެ ސްޓޭޝަނުން ހިތްވަރު ނުދޭ ކަމަށާއި އެތަނުގެ ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަން ބަންދު ކުރުމުގެ ނިޔަތުގައި ކަމަށެވެ.