އިބޫ ހުރީ އަވިދޭ ގޮޅިއެއްގައި، ބޭހާއި އަންނައުނު ހަވާލެއް ނުކުރޭ: އެމްޑީޕީ

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދޫނިދޫގައި ބަހައްޓާފައި ހުރީ އަވިދޭ ގޮޅިއެއްގައި ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.


ސިޔާސީ ޕާޓީތަކުން އިސް ނަގައިގެން ހިންގާ ހަރަކާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އިބޫ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ބައިވެރިންނާ އެކު ޖުމްހޫރީ މައިދާނަށް ވަންނަވަން މަސައްކަތް ކުރެއްވުމުންނެވެ. އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިބޫ އަށް ދާއިމީ ގޮތެއްގައި ދޭން ޖެހޭ، ހިތުގެ ބަލީގެ ބޭހާއި އަންނައުނު މިދިޔަ ހޮނިހިރު ދުވަހު އާއިލާގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އިބޫ ދޫނިދޫގައި ބަންދުކޮށްފައި ހުންނަވާތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވީއިރު ވެސް، އެ ތަކެތި އިބޫއާ ހަވާލު ނުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި އިބޫ އަށް ގޮދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން ގޮދަޑިއެއް ވެސް ނުދެ އެވެ. އާއިލާ އިން އިބޫ އަށް ފޮނުވި އަންނައުނު އިބޫއާ ހަވާލުކޮށްފައި ނުވާތީ، މިހާރު ވެސް ބޭނުން ކުރައްވަނީ ހައްޔަރު ކުރި އިރު ތުރުކުރައްވައިގެން ހުންނެވި ގަމީހާއި ފަޓުލޫނު ކަމަށް އެމްޑީޕީން ބުންޏެވެ.

"(އިބޫ) ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގަ އެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 3:00 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނު ގަދަ އެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިބޫއާ މެދު ފުލުހުން އަމަލު ކުރަމުން އަންނަ ގޮތް ކުށްވެރިކޮށް، އެމްޑީޕީގެ ބަޔާނުގައި ބުނީ އިބޫއަކީ ރާއްޖެ އަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ، ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ތަޖުރިބާ ހުރި އެއް ސިޔާސީ ލީޑަރު ކަމަށެވެ. އިބޫ ހައްޔަރު ކޮށްފައިވަނީ ކަނޑައެޅިގެން އިސްލާހީ މަަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ޣައިރު ގާނޫނީ ގޮތުން ސިޔާސީ ވެރިންނާއި އާންމު ރައްޔިތުން ހައްޔަރުކޮށް ލާއިންސާނީ ރަހުމް ކުޑަ ގޮތްގޮތަށް ފުލުހުން އާންމުކޮށް އަމަލު ކުރަމުން އަންނަ ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭނުންވާ ބޭސްފަރުވާ ދިނުމަކީ ކޮންމެ ފުލުހެއްގެ ޒިންމާއެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"އެއީ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެކެވެ. މަތިން އަންގާ ގޮތް ކަމަށް ބުނެ ވަކިވަކި ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ފަސްނުޖެހުމަށް ގޮވާލަމެވެ. އިބޫގެ އާއިލާ އިން ހަވާލުކޮށްފައިވާ ތަކެތި އޭނާ އަށް ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަައިދިނުމަށާއި, ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކާ މެދު އޯގާތެރިކަމާއި އިޙްތިރާމާއެކު އަމަލު ކުރުމަށް ފުލުހުންނަށް އިލްތިމާސްކުރަމެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.