ދެ ފަނޑިޔާރުންނާއި މައުމޫން ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އިތުރުން ގިނަ ބޭފުޅުންތަކެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ހަމަޖައްސައިފި އެެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު 3:00 ގައި ކޯޓަށް ހާޒިރުކުރާނެ އެވެ. ކުރީގެ ރައީސް މައުމޫން 4:00 ގައި ހާޒިރުކުރާއިރު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރަން ހަމަޖައްސާފައި ވަނީ 4:30 ގަ އެވެ. އުއްތަމަ ފަނޑިޔާރު 5:00 ގައި އަދި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބަންދުގެ މަޖިލީހަށް ހާޒިރުކުރާނީ 5:30ގަ އެވެ.

އިލްހާމާއި ސިނާންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރާއިރު، އެ ކޯޓުން އާދިއްތަ ދުވަހު އެ ދެ މެމްބަރުންގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. އިލްހާމް ހާޒިރުކުރަނީ މައުލޫމާތެއް ސާފުކުރަން ކަމަށް ވަނީ އެނގިފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ބޭފުުޅުންގެ ތެރެއިން މިހާތަނަށް ފަށާފައިވަނީ އުއްތަަމަ ފަނޑިޔާރުގެ ޝަރީއަތެވެ. ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ބާއްވައިފަ އެވެ.