ފަނޑިޔާރުންނާއި މައުމޫނާއި ފާރިސް އަދި ކުރީގެ ސީޕީއަށް ޓެރަރިޒަމްގެ ދައުވާ

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރަން ކޯޓަށް ފޮނުވައިފި އެވެ.


ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރި ތަހުގީގުން، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތުން ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ނުފޫޒުން އެ މީހުން ބޭނުންވާ ގޮތަށް ދުރާލައި ރޭވިގެން ކޮށްފައިވާ އަމުރެއްކަން އެނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މައްސަލައާ ގުޅުން ހުރި ހެކި ހުރި ކަމަށް ބެލެވިގެން ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައި ނުވާތީ އެ ބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާކޮށްފަ އެވެ.

ފާރިސް މައުމޫން

މީގެ އިތުރުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތަކަށް އެކްސެސް ވިޔަ ނުދިނުމަށް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް ކަނޑާލާފައި ބެހެއްޓުމަށް ކޯޓުގެ މުވައްޒަފުންނަށް އަންގާފައި ވާތީ އުއްތަމަ ފަނޑިޔާރަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

މި ދައުވާތައް ކުރުމުގައި ބަލާފައިވާ ކަންކަމުގެ ގޮތުގައި ޕީޖީ އޮފީހުން، ފުލުހުންގެ ތަހުގީގާ ހަވާލާދީ ސީރިއަސް ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހަސަން ސައީދުގެ ގެ ބަލައި ފާސްކުރި އިރު އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000ރ. އާއި އެ ކޮޓަރީގައި ހުރި ދަބަހެއްގެ ތެރެއިން 3،300 އެމެރިކާ ޑޮލަރާއި ވިލާ ޝިޕިންގެ އެންޑް ޓްރޭޑިން ކޮމްޕެނީގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ސޮއިކުރައްވާފައިވާ ސިޓީއެއް ފެނުނު ކަމަށް ބުނެފައިވެ އެވެ. އެއީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކުން ބޭރު ގައުމުތަކުން ގަނެފައިވާ "ޕްރޮޕަޓީތަކަށް" ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދިންކަން އެނގޭ ސިޓީއެއް ކަމަށްވެ އެވެ. މި ލިޔުމުގައި ބުނާ ގޮތުން ފައިސާގެ މަންފާ ލިބޭ މީހުންނަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ އަހްމަދު މިސްފިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ކުރީގެ އަނބިކަނބަލުން އާއިޝަތު ހަނާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ކޯޓު ބޭރުގައި.-- ފައިލް ފޮޓޯ: ހުސެން ވަހީދު /މިހާރު

ސިޓީގައިވާ ސޮޔަކީ ސިޔާދުގެ ސޮއި ކަމާއި އެ ސިޓީން ސިޔާދުގެ އިނގިލީގެ ނިޝާން ވެސް ފޮރެންސިކް ތަހުލީލުން އެނގިފައިވާ ކަމަށް ޕީޖީގައި ބަޔާނުގައިވެ އެވެ. މީގެ އިތުރުން މި ލިޔުމުގެ ފޮޓޯއަކާއި އޭގައި ހުރި މައުލޫމާތު ހިމެނޭ ނޯޓެއްގެ ފޮޓޯ ވެސް ސިޔާދުގެ ފޯނުން ފެނުނު ކަމަށް ބުންޏެވެ.

ޕީޖީން ބުނި ގޮތުގައި، މައްސަލާގައި ތުހުމަތުކުރެވޭ މީހުން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި މައްސަލަތައް ވަކި ގޮތަކަށް ނިންމަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ވަނީ ލިބިފަ އެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ދީ އެ ފައިސާގައި ހިފާފައިވާކަން އެނގެ އެވެ.

ތަހުގީގަށް އެނގިފައިވާ ކަންކަމަށް ބަލާއިރު، ޕީޖީން ބުނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަންކަން އެނގޭ ކަމަށާއި އެއީ ދުރާލައި ރޭވި ޕްލޭނެއްގެ ދަށުން ފައިސާގެ ބަދަލުގައި ނެރެނު އަމުރެއްކަން އެނގޭ ކަމަށެވެ.

"މިހެންކަމުން، 1 ފެބްރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން، ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި، ނެރުނު އަމުރަކީ ދުރާލައި ރޭވިގެން، މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން، ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއްކަން އެނގެން އޮވެ އެވެ."

މި މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަރީފް މެދުވެރިކޮށް، ކޯޓުން އަމުރު ނެރުމުގެ ކުރިން، ފުލުހުންގެ އުސޫލުތަކާ ޚިލާފަށް އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތައް ގެނެސް އަރީފް ބޭނުންވާ ބަޔަކު ހޮވައި އެކި ތަންތަނުގައި ތިބި މީހުން އެއްތަނަކަށް ގެނުވައި ޑިއުޓީގައި ތިބި ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށްފައި ކަމަށް މިހާތަނަށް ތަހުގީގަށް އެނގިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: މިހާރު

ޕީޖީން މި ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވިކަން ހާމަކޮށްފައި މި ވަނީ އެ ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދާއި މިރޭ ކޯޓަށް ހާޒިރުކުރަމުން އަންނަނިކޮށެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ފެށި އިރު، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. މި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ކޯޓުގެ އަމުރާ ގުޅިގެން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.