ކޯޓުގައި ކަންތައް ވީ ގޮތުން މައުމޫން ދެރަފުޅުވޭ، އެކަމަކު ހިތްވަރަކަށް ބަދަލެއް ނާންނާނެ: ނަސްރީނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން މައުމޫން ދެރަފުޅުވާ ކަމަށާއި އެކަމަކު ހިތްވަރުފުޅަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.


"ސަންގު" ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަސްރީނާ އެހެން ވިދާޅުވިއިރު، މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް އުފުލައިފަ އެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅިގެން މައުމޫންގެ އަނބިކަނބަލުން ނަސްރީނާ "ސަންގު" ޓީވީ އަށް ދެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ، ފިރިކަލުންނާ މެދު ކަންތައް ވީ ގޮތުން އެތައް އާއިލާއެއްގެ ބަޔަކު ދެރަވާނެ ކަމަށާއި މައުމޫން ވެސް ދެރަފުޅުވާނެ ކަމަށެވެ.

މައުމޫންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ފުރަތަމަ ގެންދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަ އެވެ. އެ ރޭ ކޯޓުގައި ހަތް ގަޑިއިރު ވަންދެން ބެހެއްޓުމަށް ފަހު މުއްދަތު ނުޖަހައި އަނބުރާ ދޫނިދޫ ޖަލަށް ގެންދިޔަ މައްސަލާގައި ވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެއީ އުމުރުފުޅުން 80 އަހަށް ވުރެ މައްޗަށް ގޮސްފައިވާ ބޭފުޅަކު، އެހާ ގިނައިރު ވަންދެން ކޯޓުގައި ބެއިންދުމަށް ފަހު، މުއްދަތު ނުޖަހައި އަނބުރާ ޖަލަށް ގެންދިއުމުންނެވެ. އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ ޖެހިގެން އައި ދުވަހު އެވެ.

"އެކަމަކު އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ދެރަފުޅު ވިޔަސް އޭގެ މާނަ އަކީ ހިތްވަރުފުޅު ދިޔައީކީ ނޫނޭ. ހަމަ [އެ] ހުންނެވި ގޮތުގައި ހިތްވަރުފުޅާ އެކީގައި ހުންނަވާނީ އިސްލާހީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން،" މައުމޫން އަދި ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ދިފާއުގައި މިހާރު މަގުމައްޗަށް ނުކުމެވަޑައިގެން އިސްލާހީ ކަންކަމުގައި ވާހަކަފުޅު ދައްކަވަން ފައްޓަވާފައިވާ ނަސްރީނާ ވިދާޅުވި އެވެ.

ކުރީގެ ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މައުމޫން އިސްލާހީ މަސައްކަތްޕުޅު ކުރައްވަނީ ގާނޫނީ އިމުގެ ތެރޭގަ އެވެ. އަދި އެ މަސައްކަތްޕުޅުގައި އުޅުއްވީ ރަނގަޅު ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ނަސްރީނާ ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ވެސް މަސައްކަތް ކުރެއްވީ ރާއްޖެ އަކީ ސާދާ އަދި ރަނގަޅު ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި ވިދާޅުވީ ފާރިސް ފުރަތަމަ އުޅުއްވީ ދިއްގަރު ދާއިރާގެ ތެރެއިން ކަންކަން އިސްލާހު ކުރައްވަން ކަމަށާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ މަސައްކަތް ފެއްޓެވީ ދާއިރާ އިން ކާމިޔާބު ނުވުމުން ކަމަށެވެ.

"މުޅި ގައުމުގެ އެންމެން ވެގެން މަސައްކަތް މިކުރަނީ އެއް މިސްރާބަކަށް. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ވަރަށް އަވަހަށް ނަސްރު ލިބޭނެކަން،" ވަރަށް ހިތްވަރުފުޅާއި އަޒުމާއެކު ނަސްރީނާ ވިދާޅުވި އެވެ.

އެކަމަނާ ތަކުރާރުކޮށް ވިދާޅުވީ މައުމޫންގެ ހިތްވަރުފުޅަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެއް ފަހަރު ވިދާޅުވި ގިނި ކަންޏާ ނަމަވެސް ގެންދަވާނަމޭ އެ ހިސާބަށް އިރާދަކުރެއްވިއްޔާ. އެހެންވީމާ މިހާރު އެބަފެނޭ މުޅި ގައުމު އެދަނީ އެގޮތަށް ކަން. އެހާ ގިނަ ބަޔަކު އެބަދޭ އިސްލާހަށް އެދި. މިއީ އެންމެންގެ ގައުމު ދެއްތޯ. އަޅުގަނޑުމެން ބޭނުންވަނީ ރީތިކޮށް، ސާދާކޮށް އޮވެގެން އަޅުގަނޑުމެންގެ މާމަ ދަރިންނާ ހަމައަށް [ގައުމު] ވާސިލް ކުރަން،" ނަސްރީނާ ވިދާޅުވި އެވެ.

"މައު [މައުމޫން] އަކީ ގައުމު ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް."

މައުމޫންގެ އަނބިކަނބަލުން މިހާރު ބޭރުތެރެއަށް ނުކުމެވަޑައިގެން އިންޓަވިއުތައް ދެއްވަން ފެއްޓެވި ނަމަވެސް މިއީ މައުމޫންގެ ވެރިކަމުގައި ދުވަހަކު ވެސް އެކަމަނާގެ ފަރާތްޕުޅުން ފެނިފައިވާ ކަމެއް ނޫނެވެ. ނަސްރީނާ، އެކަމަނާގެ ހަޔާތްޕުޅުގައި މިފަދަ ފުރަތަމަ އިންޓަވިއުއެއް މީޑިއާ އަށް ދެއްވީ، މައުމޫންގެ ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެތަނުގެ ބޭރުގައި ހުންނަވައިގެންނެވެ.

އެ ދުވަހު ވެސް ނަސްރީނާގެ އެ ކުރު އިންޓަވިއު ބިނާކުރެއްވީ، މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި އެކަމުގައި އުޅޭ އެހެން މީހުންނަށް ހިތްވަރު ދެއްވުމުގެ މައްޗަށެވެ.