ފުނަދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކައި ނިންމާލައިފި

ށ. ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކައި މި ހަފުތާގައި ނިންމައިފި އެވެ.


ފުނަދޫގެ އުތުރުކޮޅުގެ ހުޅަނގު ފަރާތު ފަޅުތެރެއިން 21 ހެކްޓަރުގެ ބިން ހިއްކީ އެމްޓީސީސީގެ މަހާޖައްރާފު ބޭނުން ކޮށްގެންނެވެ. ފުނަދޫގައި އެއާޕޯޓު އެޅުމަށް ސަރުކާރުން ހަވާލު ކުރީ ވެސް އެ ކުންފުންޏާ އެވެ. އެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ އަންނަ ޖުލައި މަހުގެ ފަހުކޮޅެވެ.

ބިން ހިއްކައި ނިމުމުން، އެމްޓީސީސީން މިހާރު ކުރަނީ ބިންގަނޑު އެއްވަރުކޮށް، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

ށ.ފުނަދޫ: ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން، އެމްޓީސީސީގެ މަހާޖައްރާފުން ހިއްކުން.---ފޮޓޯ:މިހާރު

ފުނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ސަލީމް "މިހާރު" އަށް މިއަދު ވިދާޅުވީ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި އިގްތިސާދު ކުރިއެރުވުމަށް ފުނަދު އަށް އެއާޕޯޓެއް މުހިންމު ކަމަށެވެ. އެއާޕޯޓެއް ނެތުމުން ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ހުރި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"އެއާޕޯޓެއް ނެތީމަ ޓޫރިޒަމް އަތޮޅަށް ގެންނަން އުނދަގޫ ވަނީ. ކުރިން އަތޮޅުގައި ރިސޯޓެއް ހުޅުވިޔަސް، އެ ރިސޯޓު ވެސް އެންމެ ފަހުން ވަނީ ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ފުނަދޫގައި އެއާޕޯޓެއް އެޅުމުގެ އިތުރުން، އެ ރަށުގެ އެއާޕޯޓާ ގުޅިފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އެހެންވެ، މިއީ ރަށަށް ލިބޭ ތަރައްގީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ށ.ފުނަދޫ: ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން، އެމްޓީސީސީގެ މަހާޖައްރާފުން ހިއްކުން.---ފޮޓޯ:މިހާރު

އޭނާ ވިދާޅުވީ، އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ފުނަދު އަށް އެހެން ރަށްރަށުގެ މީހުން ބަދަލުކުރާ ނަމަ، ފުނަދޫގައި އަދި ޖާގައެއް ނެތް ކަމަށެވެ. ފުނަދުއާ ކައިރި ރަށްރަށުގައި ދިރިއުޅޭ ބައެއް މީހުން ފުނަދު އަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްފަސް ކުރުމަށް ބިން ހޯދުމުގައި ދަތިތަކެއް މިހާރު އެބަހުރި. އެއާޕޯޓާ އެކީގައި މީހުން ދިރިއުޅެން ބޭނުންވާ ބިން ވެސް ހިއްކަން އޭރު ނިންމި. އެކަމަކު ފަހުން އެކަން މަޑު ޖައްސާލީ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުނަދު އަށް ބޭނުންވާ އިތުރު ބިން ހިއްކުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާނެ ކަމަށެވެ.

ށ.ފުނަދޫ: ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން، އެމްޓީސީސީގެ މަހާޖައްރާފުން ހިއްކުން.---ފޮޓޯ:މިހާރު

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ބިން ހިއްކައި ނިމުމާ އެކު، ރަންވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ ކަމަށެވެ. އަދި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަނީ ވަރަށް ހަލުވި ސްޕީޑެއްގައި ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

"ފުނަދޫގައި އެއާޕޯޓެއް އެޅުމަށް މީގެ 50 އަހަރު ކުރިން މަޝްވަރާ ކުރި. އެއީ އިބްރާހިމް ނާސިރު ވެރިކަމުން ފެށިގެން ދައްކަމުން އައި ވާހަކައެއް. އެކަމަކު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިކަން ހަގީގަތަކަށް ވެގެން މި ދަނީ،" އާބާދީގައި 2،500 އަށް ވުރެ ގިނަ މީހުން ހިމެނޭ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވި ގޮތުގައި އެމްޓީސީސީން ކަނޑައެޅި މުއްދަތުގައި އެއާޕޯޓު އެޅޭނެ ކަމުގެ އުންމީދު އެބައޮތެވެ. އެގޮތުން މަސައްކަތް ކުރިއަށް ދާ ސްޕީޑާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިބްރާހިމް ވެސް ވިދާޅުވީ އެއާޕޯޓެއް ނެތުމުން، އެކަމުގެ އުނދަގޫ ކުރިމަތިވާ ކަމަށެވެ.

ށ. އަތޮޅުގައި އެއާޕޯޓެއް ނެތުމުން، އެ ސަރަހައްދާ ކައިރީގައި އޮންނަ އެއާޕޯޓަކަށް ދިއުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހެ އެވެ. އެގޮތުން ލޯންޗެއްގައި ފުނަދޫ އިން ފުރައިގެން ރ. އިފުރު ނުވަތަ ހދ. ހަނިމާދޫ އެއާޕޯޓަށް ދިއުމަށް ގަޑިއިރަކަށް ވުރެ ގިނައިރު ހޭދަކުރަން ޖެހެ އެވެ.