މެމްބަރު ޔާމީން އާ ރަންވޭ މަތީގައި: "ހެޔޮ ވެރިކަމަކީ މިއީ"

ވެލާނާ އިންޓަނޭޝަނަލް އަށް މި ސަރުކާރުން ގެންނަ ތަރައްގީން ވެސް ފެންނަނީ، ރައްޔިތުންނަށްޓަކައި ރައީސް އަބްދުﷲ ޔާމީން ހެޔޮވެރިކަމެއް ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ޕްރޮމޯޓްކުރައްވަން އޭނާ ގެންދަވަނީ، ފޭސްބުކް ލައިވްކޮށް ވީޑިއޯތަކާ އެކު އެ މަޝްރޫއުތަކުގެ މަސައްކަތް އާއްމުންނާ ހަމައަށް ގެނެސްދެއްވަމުންނެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ފޭސްބުކްގެ ލައިވް ވީޑިއޯއަކުން އޭނާ ގެނެސްދެއްވީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު މަޝްރޫއުގެ މަސައްކަތްތަކެވެ. މި ސަރުކާރަށް އިދިކޮޅުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަން، އޭނާ މިއަދު ވަޑައިގަތީ، ވެލާނާ އެއާޕޯޓުގެ އާ ރަންވޭ މައްޗަށެވެ.

ފޭސްބުކްގައި އާއްމުކުރެއްވި 17 މިނެޓުގެ ވީޑިއޯގައި ޔާމީން ވިދާޅުވީ އެ އެއާޕޯޓަކީ އެމްޑީޕީ ސަރުކާރަށް ނުހިންގިގެން ވިއްކާލަން އުޅުނު އެއާޕޯޓެއް ކަމަށެވެ. އެކަމަކު، މިހާރު ދިވެހިންނަށް ފެންނަނީ އާޕޯޓު ތަރައްގީކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަކީ ވެރިކަން ކުރައްވަން ދަންނަ ވެރިއެކެވެ. ރާއްޖެ ތަރައްގީ ކުރެވިދާނެ ކަމާއި އިގްތިސާދު ނަގާ ކޮޅަށް ޖެހިދާނެ ކަމުގެ އެންމެ ބޮޑު އެއް ރަމްޒަކީ ވީއައިއޭ ކަމަށާއި، އެ ތަނުގައި މެގަ ޕްރޮޖެކްޓުތަކެއް މިހާރު ވެސް ހިނގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮން އެއްޗެއް މަދުވެގެންތޯ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު މުޒާހަރާކޮށް، ޖަލްސާ ބާއްވައި ސަރުކާރާ ދިމާލަށް އެއްޗެހި ކިޔައި، މި ހުރިހާ ކަމެއް މި ކުރަނީ؟ އެއްވެސް ކަމެއް ކުރެވެނީކީ ނޫން. އޮއްޓަރު ހުރި ވާހަކައެއް ދައްކަނީކީ ނޫން، މި ތަރައްގީއާ ކިހިނެއްތޯ ޗެލެންޖް ކުރާނީ؟" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އަމާޒަކީ، 7.2 މިލިއަން ފަސެންޖަރުންނަށް ވީއައިއޭ އިން ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރުން ކަމަށެވެ. މިއީ ދިވެހިން، މީގެ ކުރިން ހުވަފެނުން ވެސް ނުދެކޭ އަދަދުތަކާއި ތަރައްގީއެއް ކަމަށް ވެސް މެމްބަރު ޔާމީން ވިދާޅުވި އެވެ.

އިދިކޮޅަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއާޕޯޓު ތަރައްގީ ކުރެއްވިނަމަ، ޚިދުމަތް ދޭން މިހާރު ދެ ރަންވާ އޮންނާނެ އެވެ.

މެމްބަރު ޔާމީން މިއަދު އާ ރަންވޭ މަތީގައި.

"ދިވެހިންނަކީ، ދިވެހިންގެ ލޯ މައްޗަށް ފެންނަމުންދާ މަންޒަރަށް ތަބާވާ ބައެއް. ދިވެހިންނަށް ފެންނަން ޖެހޭނެ ތަރައްގީވަމުންދާ ތަން،" ތާރު އަޅަމުން އަންނަ ސަރަހައްދުގައި ހުންނަވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ހެޔޮ ވެރިކަމަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގައުމަށް ގެނެސްދީ، ރައްޔިތުންނަށް ފަސޭހަކޮށްދިނުމާއި ރައްޔިތުންގެ އާމްދަނީ އިތުރު ކޮށް ދިނުން ކަމަށެވެ. ތަރައްގީ ޔަގީންކޮށް ދެއްވާނެ ކަމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދު ފުއްދަވައި ދެއްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ރާއްޖެ އަށް ގެންނަވާ ތަރައްގީ މެދުކެނޑުމެއް ނެތި ކުރިއަށް ދާނަމަ، ސިންގަޕޫރަށްވުރެ "ނަލަ ތަނަކަށް" ރާއްޖެ ވެގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކަށް ހަޖަމްވިޔަސް، ނުވިޔަސް، ރައީސް ޔާމީންގެ ސަރުކާރުން މިއޮތީ ރަންވޭ ދަމާލާފައި. އެއާޕޯޓުގެ ރަންވޭ ހަމަ ދަމާލާފައި. މި މަންޒަރުތައް ރައްޔިތުން ބަލާ. ރައްޔިތުންނަކީ ކަނޑުކޮހުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ކަމުގައިވިޔަސް ރައްޔިތުންނަކީ ބުއްދިން ވިސްނާ، ރަނގަޅަށް ކަންކަން ނިންމާ ބައެއްކަން އަޅުގަނޑުމެން ހިތުން މިތިބީ ގަބޫލުކޮށްގެން" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު އެމްޑީޕީ ދޫކޮށްލުމަށް ފަހު، ވެރިކަން ކުރާ ޕީޕީއެމާ ގުޅިވަޑައިގެންނެވީ ރައީސް ޔާމީންގެ ތަރައްގީގެ ޕްލޭނާ ހެދި އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހަދާނެ އެވެ.