ކޮމަންޑޫ ބިން ހިއްކުމަށް މަހާ ޖައްރާފް ތައްޔާރު

ށ. ކޮމަންޑޫގެ ބިން ހިއްކުމަށް އެމްޓީސީސީގެ މަހާޖައްރާފު ރޭ އެ ރަށަށް ގެންގޮސްފި އެވެ.


ކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެ އެވެ. ކޮމަންޑޫ ބިން ހިއްކަނީ، އެ އަތޮޅު ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް 21 ހެކްޓަރުގެ ބިން ހިއްކުމަށް ފަހު އެވެ.

ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާރިފް "މިހާރު" އަށް މިއަދު ވިދާޅުވީ މަހާ ޖައްރާފު ބޭނުންކޮށްގެން ރަށުގެ ވަށައިގެން 70 ޕަސަންޓުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ދެކުނު ފަރާތުން ފެށިގެން އުތުރާ ހަމަ އަށް 7-10 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާ ޖައްރާފް ފުނަދޫ ބިން ހިއްކުމަށް ފަހު، ކޮމަންޑޫ އަށް ދަތުރު ކުރަނީ. - ފޮޓޯ: އެމްޓީސީސީ

އާބާދީގައި 1200 އެއްހާ މީހުން އުޅޭ ކޮމަންޑޫއަކީ ހަތް ހެކްޓަރުގެ ރަށެކެވެ.

އާރިފް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ހިއްކާ ސަރަހައްދުގައި 50 ފްލެޓް އެޅުމެވެ. އަދި ހިއްކި ސަރަހައްދަށް އިންޖީނުގެ ބަދަލުކުރުމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި ކުޑަކުދިންގެ ޕާކެއް އެޅުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

"އިންޖީނުގެ މިހާރު ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި. އެހެންވެ، ރަށުގައި އުޅޭ މީހުންނަށް އުނދަގޫވެގެން ވަރަށް ބޮޑަށް ޝަކުވާ ކުރޭ،" އާރިފް ވިދާޅުވި އެވެ.

ކޮމަންޑޫ ބިން ހިއްކުމަށް ތައްޔާރުވެފައި. - ފޮޓޯ: އެމްޓީސީސީ

އާރިފް ވިދާޅުވީ ކޮމަންޑޫގެ ބިން ހިއްކުމުން، ރަށުގެ މީހުންނަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން، ލޮނު މަހުގެ މަސްވެރިކަމާއި ގެސްޓް ހައުސްގެ ހިންގުމާއި ފައިބަރު މަސައްކަތް ކުރުމުގެ ދޮރު އެ މީހުންނަށް ހުޅުވިގެންދާނެ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ކުރިން ނުކުރެވި ހުރީ ރަށް ވަރަށް ބޮޑަށް ތޮއްޖެހިފައި ހުރީމަ. އެކަހަލަ މަސައްކަތެއް ކުރާނެ ޖާގައެއް ނެތް،" އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވި ގޮތުގައި ކޮމަންޑޫ ބިން ހިއްކައި ނިންމުމަށް ހަމަޖެހިފައިވަނީ 10 ދުވަސް ތެރޭގަ އެވެ. އަދި ރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުނަދޫގެ ބިން ހިއްކާ ނިންމައިލި އިރު، އެމްޓީސީސީން މިހާރު ކުރަނީ ބިންގަނޑު އެއްވަރުކޮށް، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ފުނަދޫގައި އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރި އިރު، އެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ އަންނަ ޖުލައި މަހުގެ ފަހުކޮޅެވެ.