ކޮމަންޑޫގެ ބިން ހިއްކަން ފަށައިފި، ހަފުތާއެއްގެ ތެރޭގައި ނިމޭނެ

ށ. ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިދިޔަ ހަފުތާގައި ފަށައިފި އެވެ.


ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާރިފް "މިހާރު" އަށް މިއަދު ވިދާޅުވީ ރަށުގެ ދެކުނު ފަރާތުން ފެށިގެން އުތުރާ ހަމަ އަށް އެމްޓީސީސީގެ މަހާޖައްރާފުން 7-10 ހެކްޓަރުގެ ބިން ހަތް ދުވަސް ތެރޭގައި ހިއްކާނެ ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އާރިފް ވިދާޅުވީ، ބިން ހިއްކާ ސްޕީޑާ މެދު ހިތްހަމަޖެހޭ ކަމަށާއި ރަށުގެ ވަށައިގެން 70 ޕަސެންޓުގެ ސަރަހައްދެއް ހިއްކާނެ ކަމަށެވެ.

"ކޮންމެ ދުވަހަކު ހައެއްކަ ފަހަރު ފަޅުތެރެ އަށް ވެލި އަޅަމުން ދަނީ،" އާރިފް ވިދާޅުވި އެވެ.

ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. - ފޮޓޯ: ކައުންސިލް

އާބާދީގައި 1،200 އެއްހާ މީހުން އުޅޭ ކޮމަންޑު އަކީ ހަތް ހެކްޓަރުގެ ރަށެކެވެ. ބިން ހިއްކުމާ އެކު އެ ރަށުގެ ބޮޑުމިން 14 ހެކްޓަރަށް ވުރެ ބޮޑުވާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.

ކޮމަންޑޫ ކައުންސިލުން ބުނި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިއްކާ ސަރަހައްދުގައި 50 ފްލެޓު އެޅުމެވެ. އަދި ހިއްކި ސަރަހައްދަށް އިންޖީނުގެ ބަދަލު ކުރުމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި ކުޑަކުދިންގެ ޕާކެއް އެޅުމަކީ ސަރުކާރުގެ ވިސްނުމެކެވެ.

ކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި ވެ އެވެ. ކޮމަންޑޫ ބިން ހިއްކަނީ، ށ. ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް 21 ހެކްޓަރުގެ ބިން ހިއްކުމަށް ފަހު އެވެ. ފުނަދޫ ބިން ހިއްކީ ވެސް މަހާޖައްރާފް ބޭނުން ކޮށްގެންނެވެ.