ދީނީ މިނިވަންކަން ނުދޭނެކަން އީޔޫ އަށް ވާނީ އަންގާފައި: ޝިއާން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލަށް އަމަލު ނުކުރާނެ ކަން އަންގާފައި ވާނެ ކަމަށް އެ ޖަމާއަތަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.


ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިޚާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޝިއާން ވިދާޅުވީ އީޔޫގެ ރިޕޯޓު ނެރުމުގެ މާ ކުރިން، އިސްލާމް ދީނާ ޚިލާފުވާ ނުކުތާތައް ނެގުމަށް އީޔޫ އަށް އަންގާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެ ހުށަހެޅުންތަކަށް އިޖާބަ ނުދޭނެ ކަން ތަކުރާރުކޮށް އީޔޫ އަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެ ކަމެއް ނުކުރާނެ. އެއީ ކުރެވޭނެ ކަމެއް ވެސް ނޫން. ގާނޫނުއަސާސީ ބަދަލު ނުކުރާނެ ދީނީ މިނިވަންކަން ދިނުމަށްޓަކައި،" ބެލްޖިއަމްގެ ސަފީރަކަށް ވެސް ހުންނެވި ޝިއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީޔޫގެ ރިޕޯޓުގައި ބަޔާން ކޮށްފައި ހުރި އިސްލާމް ދީނާ ހިލާފު ކަންކަން އުނިކުރަން ސަރުކާރުން ތަކުރާރުކޮށް އެދުމުން ވެސް އެ ނުކުތާތައް އުނިކުރަން އީޔޫ އިން ދެކޮޅު ހެދީ އެވެ.

"[ބުދަ ދުވަހު] ބައްދަލުކުރިން ރިޕޯޓު ނެރުނު ޗެއާ، ޑެލިގޭޝަންގެ. އޭނާ ކައިރީ ބުނިން މިކަން ނުކުރެވޭނެއޭ. އޭނާ ވެސް ގަބޫލުކުރޭ އަޅުގަނޑުމެންގެ ޕޮއިންޓް އޮފް ވިއު. އެކަމަކު އޭނާ ބުނީ އީޔޫގެ ފަންޑަމެންޓަލް ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އޭގެ ތެރެއިންނޭ ގޮވާލީ،" ޝިއާން ވިދާޅުވި އެވެ.

ޝިއާން ވިދާޅުވީ އިސްލާމް ދީނަށް ބުރޫ އަރާ ފަދަ އެއްވެސް އިސްލާހެއް ރާއްޖޭގެ ގާނޫނުއަސާސީ އަށް ގެންނަން ރައީސް އަބްދުﷲ ޔާމީން ވެސް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އިސްލާމް ދީން ނޫން އެހެން ދީނަކަށް ބަދަލުކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަން ވެސް ބޭނުންފުޅު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުން އެއްގޮތަކަށް ވެސް ތަރުހީބެއް ނުދޭނެ އިސްލާމް ދީނާ ދެކޮޅަށް ކަމެއް ކުރާކަށް،" އީޔޫގެ ރިޕޯޓުގައި އިސްލާމް ދީނާ ދެކޮޅަށް ހުރި ބައެއް ކަންކަން ކުށްވެރި ކުރައްވައި ޝިއާން ވިދާޅުވި އެވެ.

އީޔޫ އިން މި ގޮތަށް ހުށަހެޅީ، އެ ޖަމާއަތުން މި އަހަރުގެ ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު އިއްޔެ އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިހާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރަމުންނެވެ.

އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އީޔޫ އިން ހުށަހެޅީ އާއިލާއާ ބެހޭ ގާނޫނުގައި ހުރި ޖިންސީ ތަފާތުތައް ނައްތާލުމަށާއި ތަރިކަ މުދާ ބެހުމާ ބެހޭ އުސޫލްތަކަށް ބަދަލު ގެންނަން ވެސް ހުށަހަޅައިފައިވެ އެވެ.

އިސްލާމީ ޝަރީއާގައި ކަނޑައެޅިފައި އޮންނަ ގޮތުން، ވަރަށް މަދު ހާލަތްތަކެއްގައި އަންހެނުންނަށް ތަރިކަ އިން ލިބޭނީ ފިރިހެނަކަށް ލިބޭ މިންވަރުގެ ދެ ބައިކުޅަ އެއް ބަޔެވެ. އީޔޫ އިން ހުށަހަޅާފައިވަނީ އެ ތަފާތުތައް ނައްތާލައި، ސީޑޯ މުއާހަދާގައި ބުނާ ހަމަހަމަކަން ގާނޫނުތަކަށް ގެނައުމަށެވެ.

ރާއްޖޭގައި މިނިވަން އިންތިހާބެއް ބާއްވަން ހުރި ކަންބޮޑުވުންތަކާއި އެ ކަންކަން އިސްލާހު ކުރަން ސަރުކާރަށް ހުށަހެޅި ކަންކަން ހިމަނައި ނެރުނު ރިޕޯޓުގައި، ދީނީ މިނިވަންކަމަށް ގޮވާލާފައި އޮތުމުން ސަރުކާރާއި ޕީޕީއެމާއި އިދިކޮޅު ބައެއް ބޭފުޅުން ވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. މި މައްސަލައިގައި އެންމެ ބޮޑު ފާޑުކިއުމެއް، ވެރިކަން ކުރާ ޕީޕީއެމުން އަމާޒުކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަށެވެ.

ނަމަވެސް ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީޔޫ އިން އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލު ފިޔަވައި އެހެން ހުރިހާ ކަމެއް ދިވެހިން ބަލައިގަންނަ ކަމަށެވެ.