ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ހައްޔަރުކުރި މައުމޫނާއި ދެ ފަނޑިޔާރުންނަށް ކުރާ ދައުވާތަކުގެ ތެރެއިން މިއަދު މެންދުރު 3:00 ގައި ބާއްވަން ހަމަޖައްސާފައިވަނީ އެ ބޭފުޅުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެކެވެ.
އެ ދައުވާ ކުރަނީ އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާތީ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އެ ދުވަހު ވަނީ ވަކީލުން ހަމަޖައްސަން އެ ބޭފުޅުންނަށް ފުރުސަތު ދީފަ އެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާތަކެއް ވެސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ކުރިން ވަނީ ފަށައިފަ އެވެ.
މައުމޫނާއި ދެ ފަނޑިޔާރުންގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް އެ މައްސަލަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެ ބޭފުޅުންގެ ޝަރީއަތް އަދި ނުފަށަ އެވެ.